ސައޫދީ އަށް ފުރަތަމަ ފަހަރަށް އަންހެން ސަފީރެއް ފޮނުވަނީ

ސައޫދީ އަރަބިއްޔާ އަށް ފުރަތަމަ ފަހަރަށް އަންހެން ސަފީރެއް ފޮނުވާ ގައުމަކަށް ބެލްޖިއަމް ވަރަށް އަވަހަށް ވެގެން ދާނެ ކަމަށް ބެލްޖިއަމްގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފި އެވެ.


ސައޫދީ އަރަބިއްޔާގައި ހުންނަވާ ބެލްޖިއަމްގެ ސަފީރުގެ މަގާމަށް ދެން އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ މިހާރު އެމިރޭޓްސްގައި ހުންނަވާ ބެލްޖިއަމްގެ ސަފީރު ޑޮމިނިކް މިނެއުއާ ކަމަށް ބެލްޖިއަމްގެ ރަސްމީ ނިއުސް އޭޖެންސީން ބުނެ އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ، ޑޮމިނިކް ސައޫދީ އަށް ވަޑައިގަންނަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ތެރޭގަ އެވެ.

ސައޫދީ އަރަބިއްޔާ އާއި ވިލާތުގެ ގައުމުތަކާއި އިސްލާމީ ގައުމުތަކާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކޮށްފައި އޮންނަތާ އެތައް އަހަރެއްވީ އިރު، މިހާތަނަށް އެއްވެސް ގައުމަކުން ސައޫދީ އަށް އަންހެން ސަފީރަކު ފޮނުވައިފައެއް ނުވެ އެވެ.

އިސްލާމީ އެހެން ގައުމުތަކާ ޚިލާފަށް ސައޫދީ އަރަބިއްޔާ އަކީ، އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގައި އަންހެނުންގެ ދައުރު ވަރަށް ކުޑަ ކޮށްފައި އޮންނަ ގައުމެކެވެ. ނަމަވެސް ބެލްޖިއަމްގެ މި ނިންމުމާ މެދު ސައޫދީން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާން ކުރެއްވި "2030ގެ ތަސައްވުރު"ގެ ދަށުން ސައޫދީ ސަރުކާރުން ދަނީ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި، މީގެ ކުރިން އެ ގައުމުގެ އަންހެނުންނާ ދެކޮޅަށް ނިންމާފައި ހުރި ހަރުކަށި ނިންމުންތަކަށް މިހާރު ދަނީ ދޫ ދެމުންނެވެ.

އެމެރިކާގައި ހުންނަ ސައޫދީ އެމްބަސީގައި ހުންނަވާ ރަސްމީ ތަރުޖަމާނު ފާތިމާ ބައިޝެން.

އެ ގޮތުން، އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ 2018ގައި ސައޫދީ އަންހެނުންނަށް ދިނުމަށް އެ ގައުމުން ވަނީ ނިންމައިފަ އެވެ. އަދި ކުޅިވަރު މުބާރާތްތައް ބެލުމަށް ސްޓޭޑިއަމްތަކަށް ވަނުން ވެސް ހުއްދަ ކުރުމަށް ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން އެމެރިކާގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީގައި ހުންނަ ރަސްމީ ތަރުޖަމާނުގެ މަގާމަށް މިއަހަރުގެ ތެރޭގައި ވަނީ އަންހެނަކު ހަމަޖައްސައިފަ އެވެ.

މީގެ ކުރިން 2010 ވަނަ އަހަރު ޖޯޖިއާ އިން ވެސް ސައޫދީ އަރަބިއްޔާ އަށް އަންހެން ސަފީރަކު ކަނޑައެޅި އެވެ. އެއީ އޭރު ކުވައިތުގައި ހުންނެވި ހުރި ސަފީރެވެ. އޭނާ ކުވައިތުގައި މަސައްކަތް ކުރައްވަމުން ގެންދެވީ ސައޫދީ އަށް ކަނޑައަޅާފައި ހުރި ސަފީރުގެ ވެސް ގޮތުގަ އެވެ. ނަމަވެސް ސައޫދީގައި ޖޯޖިއާގެ އެމްބަސީ ހުޅުވުމުން، ސަފީރެއްގެ ގޮތުގައި ވަޑައިގަތީ ފިރިހެން ބޭފުޅެކެވެ.