އދ. ގެ މަންދޫބު އައުން މިޔަންމާ އިން މަނާކޮށްފި

މިޔަންމާގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮޮތް ބަލަން އަންނަ މަހު ޒިޔާރަތްކުރަން އޮތް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބު ވަޑައިގަތުން އެ ގައުމުން މަނާކޮށްފި އެވެ.


ޔަންހީ ލީގެ އެއް މަސައްކަތަކަށް އޮތީ މިޔަންމާގެ ރޮހިންޖާ މުސްލިމް އާބާދީއާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލްތައް ބެލުމެވެ. އޭގެ އިތުރުން އެ ގައުމުގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް މިންވަރު ވެސް އޭނާ ބައްލަވާނެ އެވެ.

މިޔަންމާ ސަރުކާރުން ބުނާ ގޮތުގައި ލީގެ ދަތުރާ އެ ގައުމުން ދެކޮޅުހަދަނީ "ވަކި ފަރާތަކަށް ޖެހިގެން މަސައްކަތްކުރާތީ" އެވެ.

ލީ ވިދާޅުވީ އޭނާގެ ދަތުރަށް އެޅި ހުރަހުން އެނގެނީ ކަންބޮޑުވާ ކަންތައްތަކެއް މިޔަންމާގައި ހިންގާފައިވާ ކަމެވެ.

އެންމެ ފަހުން މިޔަންމާއަށް ލީ ވަޑައިގަތީ މިދިއަ ޖުލައި މަހު އެވެ. އެ ފަހަރު އޭނާ ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލްތައް ހިންގާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިންގެ އަނިޔާވެރިކަން ބޮޑުވެ، އެތައް ބަޔަކު މަރާލިކަމުގެ ރިޕޯޓް ލިބެން ފެށީ އޮގަސްޓްމަހު އެވެ. އޭގެ ފަހުން ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

މިޔަންމާ ސިފައިންގެ އަނިިޔާވެރިކަމުން ސަލާމަތްވާން ބަންގްލަދޭޝް އަށް ހިޖުރަކުރި ރޮހިންޖާ ކުޑަކުދިންތަކެއް ކާން ތައްޔާރުވަނީ

އެހީ ފޯރުވައިދޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލަފާކުރާ ގޮތުގައި އޮގަސްޓް 25 އިން ސެޕްޓެމްބަރު 24 އާ ދެމެދު ރޮހިންޖާގެ 6،700 އަށް ވުރެ ގިނަ މީހުން މަރުވެފައިވުން އެކަށީގެންވެ އެވެ. އދ. އިން ބުނާ ގޮތުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގީ ގަތުލުއާއްމަކަށް ވުން ކައިރި އެވެ.

ލީ ވިދާޅުވީ އޭނާގެ ދަތުރަށް ހުރަސް އެޅުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"މިޔަންމާ އަކީ މިނިވަން އަދި ޑިމޮކްރެޓިކް ގައުމަކަށް ވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދުތަކެއް އޮތް،" ލީ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ މަގުން އެ ގައުމު ނުދާކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ.

ލީ ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ އެއްވެސް މީހަކަށް މިޔަންމާ އިން ފުރުސަތު ނުދިނުމަކީ ކަންބޮޑުވުމެކެވެ.

މިޔަންމާ ސަރުކާރުން ބުނާ ގޮތުގައި ރޮހިންޖާ މުސްލިމުންނާ ބެހޭ ގޮތުން ލީ ތައްޔާރުކުރެއްވި ރިޕޯޓަކީ "މިޔަންމާއަށް ނުރައްކަލެކެ"ވެ.

"އދ.އާ އެކު މަސައްކަތްކުރުން ކުރިއަށް ގެންދާނަން، އެކަމަކު އޭނާ ގަބޫލުކުރެވޭކަށް ނެތް،" ލީއަށް ނިސްބަތްކޮށް މިޔަންމާ ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.