ގުދުސާ މެދު އެމެރިކާގެ ނިންމުން ބާތިލު ކަމަށް އދ. އިން ފާސްކޮށްފި

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން އެމެރިކާ އިން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް އދ.ގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ދެންމެ ފާސްކޮށްފި އެވެ.


ޔަމަނުން އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް އާންމު މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ބަހުސް ކުރި ގައުމުތަކުގެ ތެރެއިން އެމެރިކާ އާއި އިޒްރޭލު ފިޔަވައި ހުރިހާ ގައުމުތަކުން ވެސް ތާއީދު ކުރި އެވެ. އެމެރިކާގެ ސަފީރު ކަލަ ގޮވުމުގެ ވާހަކަތަކެއް ދެއްކެވުމަށް ފަހު، އިޒްރޭލުގެ ސަފީރު ވިދާޅުވެ ދެއްވީ އަންޒަމާނުއްސުރެ ގުދުސަކީ ޔަހޫދީންގެ ބިމެއްކަމުގަ އެވެ.

ފަލަސްތީނުގެ ސަފީރު ރިޔާޟް އަލް މާލިކީ ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ އެމެރިކާއާ މެދު އަދާވާތްތެރިކަމެއް އޮވެގެން ބާއްވާ ބައްދަލުވުމެއް ނޫނެވެ. ނަމަވެސް މި ބައްދަލުވުން ބާއްވަން ޖެހުނީ އެމެރިކާ އިން ގުދުސްގެ މައްސަލައިގައި ނިންމި ބޭއިންސާފު ނިންމުމެއްގެ ސަބަބުން އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ނިންމުމުގެ ސަބަބުން ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ވަކި ފަރާތަކަށް ގުދުސް ހިބަކޮށްދިނުމަށް އެމެރިކާ އިން މަސައްކަތް ކުރުމުން އެމެރިކާ ވަނީ ގުދުސްގެ މައްސަލައިގައި ފެއިލްވެފައި ކަމަށެވެ. އެމެރިކާގެ އެ ނިންމުމުގެ ހަމައެކަނި ނަތީޖާއަކަށް ވާނީ އިޒްރޭލުގެ އިސްތިއުމާރީ ހަރަކާތްތައް ފުޅާކުރުމަށް ހިތްވަރު ލިބުމާއި ސަރަހައްދީ ހަމަނުޖެހުންތައް ފުޅާ ކުރުމަށް ބާރު ލިބުމެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ އެންމެ ގާތް އެކުވެރިން ވެސް ގުދުސްގެ މައްސަލައިގައި ވަނީ އެމެރިކާއާ ފެއަށް ޖެހި އެމެރިކާ އެކަހެރިކޮށްލައިފަ އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޝާވޫޝް އޯގްލޫ ވިދާޅުވީ ފަލަސްތީނު މީހުންނަށް ލިބިގެންވާ ދިރިއުޅުމުގެ ހައްގާއި އުފާވެރި ހަޔާތެއް ބިނާކުރުމުގެ ހައްގާއި ފަލަސްތީނު މީހުންގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އދލގެ ތަފާތު ބައްދަލުވުންތަކުގައި ކިތަންމެ ފަހަރަކު ވާހަކަ ދެކެވިއްޖެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ހައްގުތައް ކަށަވަރުކޮށްދެވިފައި ނުވާ ކަަމަށެވެ.

އޭނާ ވިދާޅުވީ އެ މީހުންގެ ބިމުގައި މިނވިަން ދައުލަތެއް ގާއިމު ކުރުމަކީ ފަލަސްތީނު މީހުންނަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި އަދި މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އޮތް ހަމައެކަނި ފުރުސަތަކީ ވެސް އެފަދަ މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާގެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށާއި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމަށް އޯއައިސީގެ ހާއްސަ ބައްދަލުވުމުގައި ވެސް އިއްތިފާގުން ނިންމާފައިވާ ކަމަށެވެ. އަދި ފަލަސްތީނު މީހުންގެ ހައްގުތައް ގެއްލި މެދުއިރުމަތީގެ ސުލްހައިގެ އުންމީދު ގެއްލިގެން ދަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން ވީޓޯގެ ބޭނުން ކުރަމުންދާތީ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާ އިން ފަލަސްތީނުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް 34 ފަހަރަކު ވީޓޯގެ ބޭނުން ކޮށްފައިވާ އިރު، ތުރުކީން އެއްވެސް ހާލެއްގައި ފަލަސްތީނު ރައްޔިތުން އެކަނި ދޫކޮށްނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސަފީރު ނިކީ ހޭލީ ވިދާޅުވީ އދ. މަޖިލީހުގައި އިޒްރޭލާ މެދު އަބަދުވެސް ގެންގުޅެމުން އައީ އަދާވާތްތެރި ސިޔާސަތެއް ކަމަށާއި މިފަދަ އަދާވާތްތެރި ސިޔާސަތެއް ގެންގުޅޭއިރު ވެސް އދ.ގެ މެމްބަރެއްގެ ގޮތުގައި އިޒްރޭލު ދެމި އޮންނަނީ ކީއްވެގެންބާވައޭ ހިތަށް އަރާ ކަމަށެވެ.

އެމެރިކާ އިން ގައުމުތަކަށް އެހީވެދޭ ވާހަކަ ސަލާމަތީ މަޖިލީހުގައި ދެއްކެވި ފަދައިން މިރޭގެ ބައްދަލުވުމުގައި ނިކީ ދެއްކެވީ އެމެރިކާ އިން އދ. މަޖިލީހަށް ދޭ އެހީތަކުގެ ވާހަކަތަކެވެ.

އޭނާ ވިދާޅުވީ އެމެރިކާ އަކީ އދ.ގެ ބަޖެޓަށް އެންމެ ބޮޑަށް އެހީތެރިވެދޭ ގައުމު ކަމަށާއި ދުނިޔޭގެ ފަގީރުންގެ އެތައް ބަޔަކަށް އެމެރިކާ އިން ކާންބޯންދީ ކިޔަވައިދީ ބޯހިޔާޥަހިކަން ވެސް ފޯރުކޮށްދޭ ކަމަށެވެ. އެމެރިކާ އިން އދ. އަށް ވެދޭ އެހީގެ ބަދަލުގައި އދ.ގެ ތެރެއިން ކޮންމެވެސް އިހްތިރާމަކާއި އަގުވަޒަން ކުރުމެއް ލިބޭނެ ކަމަށް އެމެރިކާ އުންމީދު ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

ހޭލީ ވިދާޅުވީ އެމެރިކާ އިން ގުދުސްގެ މައްސަލައިގައި ނިންމި ނިންމުމަކީ އެމެރިކާ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަކީ ވެސް އެމެރިކާގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އަދި މިއަދު އދ. މަޖިލީހުގައި އެމެރިކާ އަށް ކުރިމަތިވި ހަމަލާތަކުގެ މަތިން އެމެރިކާ ހަނދާން ނުނެތޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ސަފީރު ވިދާޅުވީ ޔުނެސްކޯ އަށް ވެސް އަދި އދ.ގެ އެހެން ގުނަވަނަކަށް ވެސް ޔަހޫދީން ގުދުސާ ދުރު ނުކުރެވޭނެ ކަމަށެވެ. އިޒްރޭލާއި ގުދުސާ ދެމެދު އޮތް ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށާއި އެ ގުޅުން އުފެދިފައިވަނީ ދާވޫދުގެފާނާ ހަމައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއްވެސް ގަރާރަކުން އެ ގުޅުން ކަނޑައިނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ސިފަ ކުރެއްވި ގޮތުގައި މިހާރު އދ. މަޖިލިސް ބޭނުން ކުރަނީ އިޒްރޭލަށް ހަމަލާ ދޭ ސްޓޭޖެއްގެ ގޮތުގަ އެވެ. އަދި އިޒްރޭލުން ވަނީ 1977 ވަނަ އަހަރުން ފެށިގެން ސުލްހައިގެ އަތް އެތައް ފަހަރަކު ދިއްކޮށްފައި ކަމަށާއި އެއިން ކޮންމެ ފަހަރަކު ވެސް އަރަބިން ވަނީ ސުލްހައިގެ ދައުވަތަށް ފުރަގަސްދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަމަނުން ހުށަހެޅި މި ގަރާރު އދ.ގެ އާންމު މަޖިލީހުގެ ޚާއްސަ ޖަލްސާގައި މިރޭ ފާސްކުރީ 128 ގައުމުގެ ތާއީދާ އެކުގަ އެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދިނީ ނުވަ ގައުމެކެވެ. އަދި 35 ގައުމެއް ވޯޓުގައި ބައިވެރި ނުވެ އެވެ.