އެމެރިކާ އިން ދަނީ އައިއެސްގެ ހަނގުރާމަވެރިން ތަމްރީން ކުރަމުން: ރަޝިޔާ

ސީރިޔާ އަށް އަތް ގަދަކޮށްގެން އުޅެނިކޮށް ބަލިކޮށްލާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންނަށް އެމެރިކާ އިން އަނެއްކާ ވެސް ހަނގުރާމައިގެ ތަމްރީންތައް، ސީރިޔާގެ ހަމަޖެހުން ނަގައިލަން މަސައްކަތް ކުރަމުންދާ ކަމަށް ރަޝިޔާ އިން ތުހުމަތު ކޮށްފި އެވެ.


ރަޝިޔާ ސިފައިންގެ އަސްކަރީ ވެރިޔާ ޖެނެރަލް ވަލަރޭ ގެރަސިމޯވް ތުހުމަތު ކުރައްވާ ގޮތުގައި އެމެރިކާ އިން އެކަން ކުރަމުން އަންނަނީ، ސީރިޔާގެ ތެރޭގައި އެމެރިކާ އިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުގަ އެވެ. އަދި އެ މަރުކަޒަކީ ވެސް ސީރިޔާ ސަރުކާރުގެ ހުއްދައެއް ނެތި، އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގައި އެމެރިކާ އިން ގާއިމުކުރި މަރުކަޒެއް ކަމަށްވާތީ، އެ މަރުކަޒަކީ ވެސް ޣައިރު ގާނޫނީ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ނާކާމިޔާބު ވުމުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލައިގެން ދިޔަ، އައިއެސްގެ ހަނގުރާމަވެރިން ހިމާޔަތް ހޯދައިގެން ތިބީ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ތެރޭގަ އާއި އެ މަރުކަޒުގެ ކައިރީގައިވާ ސަރަހައްދުތަކުގަ އެވެ.

ސީރިޔާގެ ބޮޑު ބަޔަކަށް އަތް ގަދަކޮށްގެން އުޅުނު އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލުމުގައި ސީރިޔާ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ރަޝިޔާ އިންނެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އިއްޔެ ވިދާޅުވީ ސީރިޔާ މިނިވަން ކުރުމުގެ ހަނގުރާމައިގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ.

ނަމަވެސް އެމެރިކާ އިން ބުނާ ގޮތުގައި ސީރިޔަގެ ތަނަފްގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަކީ، އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރުމަށް، އެމެރިކާގެ ބައިވެރިން ތަމްރީން ކުރުމަށް ހަދާފައިވާ ވަގުތީ މަރުކަޒެކެވެ. މީގެ ކުރިން ވެސް ރަޝިޔާ އިން އެމެރިކާ އަށް އެ ތުހުމަތުކޮށްފައިވާ އިރު އެމެރިކާ އިން ވަނީ ރަޝިޔާގެ އެ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.

ރަޝިޔާ އިން ތުހުމަތުކުރާ ގޮތުގައި ނާކާމިޔާބުވި އައިއެސްގެ ހަނގުރާމަވެރިންނަށް އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ތަމްރީން ދީ ލަޝްކަރެއްގެ ގޮތުގައި އެކުލަވައިލަމުން އަންނަނީ ނިއު ސީރިއަން އާމީގެ ނަމުގަ އެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުގައި އައިއެސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ މަންޒަރު ރަޝިޔާގެ ޑްރޯންތަކުން ވީޑިއޯ ކޮށް ފޮޓޯ ނަގާފައިވާ ކަމަށް ރަޝިޔާ އިން ބުނެ އެވެ.

ސިރިޔާގެ ޝަދާދީ ކިޔާ ސަހަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގައި ވެސް އައިއެސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށާއި އެ ތަނުން އައިއެސްގެ ހަނގުރާމަވެރިންނަށް މަދަދު ލިބޭ ކަމަށް ވެސް ރަޝިޔާ އިން ތުހުމަތު ކުރެ އެވެ. އައިއެސް ޖަމާއަތް ނާކާމިޔާބުވުމުން އެމެރިކާ އިން މިހާރު މަސައްކަތް ކުރަނީ މުޅިން އެހެން ނަމެއްގައި އެ ހަނގުރާމަވެރިން އަލުން ސީރިޔާ ސަރުކާރާ ދެކޮޅަށް ނެރުމަށެވެ. (ނިއު ޔޯކް ޕޯސްޓް)