ޔަމަންގެ ހިސޯރު އުވައިލުމަށް ފްރާންސުން ސައޫދީ އަށް ގޮވާލައިފި

ޔަމަނާ ދެކޮޅަށް ސައޫދީ އާއި އެ ގައުމާ ގުޅިފައިވާ އަސްކަރީ ލަޝްކަރުން ކޮށްފައިވާ ހިސޯރު އުވައިލުމަށް ފަރަންސޭސި ވިލާތުން ސައޫދީ އަރަބިއްޔާ އަށް ގޮވާލައިފި އެވެ.


އަލް ޖަޒީރާ އިން ބުނި ގޮތުގައި ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނާއި ވިޔަފާރި މުދާ އެތެރެ ކުރުމަށް މަގު ފަހިކުރުމުގެ ގޮތުން، ޔަމަންގެ ހިސާރު އުވައިލުމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވަނީ ސައޫދީ ރަސްގެފާނު ސަލްމާންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ފަރަންސޭސި ރިއާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އިމަނުއެލް އިއްޔެ ސައޫދީގެ ސަލްމާން ރަސްގެފާނަށް ފޯނުން ގުޅުއްވައި ޔަމަންގެ މައްސަލައިގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޔަމަންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ސަލްމާން ރަސްގެފާނަށް ދެންނެވި އެވެ.

މި ވާހަކަތަކުގައި އިމަނުއެލް ވިދާޅުވީ ޔަމަންގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލަކުން ނޫނީ ނިމުމެއް ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން ޔަމަންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ކަމާ ބެހޭ ފަރާތްތައް ސުލްހައިގެ މޭޒު ދޮށުން ބައްދަލުކުރުމުގެ މުހިންމު ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ޔަމަންގެ ހުދައިދާ ބަނދަރުގައި ބޯޓުފަހަރު އަޅާފައި. ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރުމަށްޓަކައި މި ބަނދަރު އެއް މަސްދުވަހަށް މިހާރު ވަނީ ހުޅުވާލާފައި. ފައިލް ފޮޓޯ ރޮއިޓާސް

ޔަމަންގެ މައްސަލައިގައި ފަރަންސޭސި ވިލާތުން ބާރު އަޅަނީ ސިޔާސީ ގޮތުން ހައްލެއް ހޯދުމަށެވެ. އަދި ސައޫދީގެ ގުޅިފައިވާ ލަޝްކަރުން ޔަމަން ހިސޯރުކޮށް ހުރިހާ ބަނދަރުތަކެއް ބަންދުކޮށްފައިވާތީ، ޔަމަނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ވިޔަފާރި މުދާ އެތެރެކުރުން ގާތްގަނޑަކަށް ހުއްޓިފައި އޮތުމަށް ފަހު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސައޫދީން ވަނީ ޔަމަންގެ ހުދައިދާ ބަނދަރު އެއް މަސްދުވަހަށް ހުޅުވައިދީފަ އެވެ.

އެހީ ދޭ ފަރާތްތަކުން ބުނާ ގޮތުގައި ޔަމަން ހިސޯރު ކޮށްފައި އޮތުމުން، ބަލި މީހުންނަށް ބޭސްފަރުވާ ނުކުރެވި ސިއްހީ ހާލަތު ދަށަށް ގޮސް، ކޮލެރާ ވެސް މިހާރު ދަނީ ފެތުރެމުންނެވެ. އަދި އެތައް ކުޑަކުދިންނެއް ބަނޑަށް ޖެހިފައި އެތައް ބަޔަކު ހާލުގައި ޖެހިފައިވެ އެވެ.

ޔަމަންގެ ހިސޯރު މެދުކަނޑާލައި ޔަމަންގެ ހުދައިދާގެ ބަނދަރު ސައޫދީން ހުޅުވައިދިނީ އިނގިރޭސި ވިލާތާއި އެމެރިކާ އިން ވަރަށް ބޮޑަށް ބާރުއަޅައި އެތައް އިންޒާރެއް ދިނުމާ ގުޅިގެންނެވެ.