ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެ: ޓްރަމްޕް

ވޮޝިންޓަން (ޖެނުއަރީ 3) - ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.


ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނަށް އެމެރިކާ އިން އެހީވެ ދިން ނަމަވެސް ބަދަލުގައި އެއްވެސް އިހްތިރާމެއް ނުވަތަ ހެޔޮ ބަހެއްހާ ހިސާބު ވެސް ނުލިބޭ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމާ ގުޅިގެން ފަލަސްތީނުން ސުލްހަ އަށް ބޭނުން ނުވާކަން ހާމަކުރަމުންދާ ކަމަށެވެ. ފަލަސްތީނުން ބުނީ އެމެރިކާގެ ނިންމުމުގެ ސަބަބުން އެ ގައުމަކީ ސުލްހައިގެ މެދުވެރިއެއްގެ ރޯލު އަދާކުރެވޭނެ ބައެއް ނޫން ކަމަށެވެ. ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމަށް ނިންމި ނިންމުން އދ.ގެ 128 ގައުމުން ވަނީ ކުށްވެރިކޮށްފަ އެވެ.

އާ އަހަރުގެ ފުރަތަމަ ޓްވީޓުގައި ޓްރަމްޕް ވަނީ ޕާކިސްތާނަށް ވެސް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ޕާކިސްތާނަށް އެމެރިކާ އިން ދޭ ބިލިއަން ޑޮލަރުގެ އެހީގެ ބަދަލުގައި ލިބެނީ ދޮގާއި މަކަރު ކަމަށެވެ.

"ޕާކިސްތާނުގެ އިތުރުން ފަލަސްތީނަށް ވެސް ބިލިއަން ޑޮލަރުން އެމެރިކާ އިން އެހީދޭ. އެކަމަކު އެއްވެސް އިހްތިރާމެއް، ހެޔޮ އެދުމެއް ނުލިބޭ. އިޒްރޭލާ އެކު ސުލްހައިގެ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވޭ،" ޓްރަމްޕް ވިދާޅުވި އެވެ. "ފަލަސްތީނުން ސުލްހައާ ބެހޭ ގޮތުން މަޝްވަރާ ކުރަން ބޭނުން ނުވާ އިރު އެ މީހުންނަށް މިލިއަނުން ފައިސާ ދޭން ޖެހެނީ ކީއްވެ؟"

އިޒްރޭލުން 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ހިފި ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށް ދަނީ އަމިއްލަ އަށް ބުނަމުންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައި ނުވަނީސް ޓްރަމްޕުގެ ނިންމުމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އަށް ވަނީ އެތައް ހުރަހެއް ކުރިމަތިވެފަ އެވެ. ފަލަސްތީނުން ވެސް ބުނަމުން ދަނީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.

ޓްރަމްޕުގެ ނިންމުމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައި ވަނީ އެމެރިކާގެ ފަރާތުން އަންނަ އެއްވެސް ސުލްހައިގެ ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމަށެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ