އެމެރިކާގެ ނިއުކްލިއާ ބަޓަނުގެ ބާރު މާގަދަވާނެ: ޓްރަމްޕް

ވޮޝިންޓަން (ޖެނުއަރީ 3) - ނޯތު ކޮރެއާގެ ނިއުކްލިއާ ބަޓަނަށް ވުރެ އެމެރިކާގެ ނިއުކްލިއާ ބަޓަން ބޮޑުވެފައި ބާރުގަދަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ޓްރަމްޕް މިމޭރުމުން ޓްވީޓް ކުރައްވާފައި މި ވަނީ ނިއުކްލިއާ ހަމަލާއެއް ދިނުމަށް އޮބާލާނެ ބަޓަން އަބަދުވެސް އޭނާގެ މޭޒުމަތީގައި ތައްޔާރަށް ހުންނާނެ ކަމަށް ވިދާޅުވެ މި ހަފުތާގެ ކުރީކޮޅު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ދެއްވި އިންޒާރާ ގުޅިގެންނެވެ. އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ ނިއުކްލިއާ ހަތިޔާރު ނޯތު ކޮރެއާގައި ހުރި ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މިދިޔަ އަހަރުން ފެށިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ޒާތީ ގޮތުން ވެސް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ޓްރަމްޕަކީ "މޮޔައެއް" ކަމަށް ކިމް ވިދާޅުވި އިރު ޓްރަމްޕް ވަނީ "ކުޑަ ކުޑަ ރޮކެޓް މީހާގެ" ގޮތުގައި ކިމް ސިފަ ކުރައްވައިފަ އެވެ.

އާ އަހަރުގެ މެސެޖުގައި ކިމް ވަނީ ސައުތު ކޮރެއާއާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސައުތު ކޮރެއާގައި އަންނަ މަހު އޮންނަ ވިންޓަ އޮލިމްޕްސް އަށް ނޯތު ކޮރެއާގެ ޓީމެއް ފޮނުއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ނޯތު ކޮރެއާ އިން ދިން ފުރުސަތުގެ ބޭނުން ހިފާ ސައުތު ކޮރެއާ އިން ވަނީ މަތީ ފެންވަރުގެ މަޝްވަރާތަކަށް ދައުވަތު ދީފަ އެވެ.

އަނެއް ކޮޅުން އާ އަހަރު ޓްރަމްޕް ވަނީ އިންޒާރުގެ މެސެޖްތައް ދެއްވަން ފަށައިފަ އެވެ. ޕާކިސްތާނަށް ދޭ އެހީގެ ބަދަލުގައި ލިބެނީ ދޮގާއި މަކަރު ކަމަށް ވިދާޅުވެފައިވާ އިރު ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު ޓްރަމްޕް އިއްޔެ ވަނީ ދެއްވައިފަ އެވެ.