އާ އަހަރުގެ މިއުޒިކް ޝޯއެއް ހުއްޓުވަން އުޅުނު މުސްލިމަކު މަރާލައިފި

ނިއު ދިއްލީ (ޖެނުއަރީ 3) - އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން އިންޑިއާގެ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ޖަރްކަންދުގައި އަޑުގަދަކޮށް ބާއްވަން އުޅުނު މިއުޒިކް ޝޯއެއް ހުއްޓުވަން އުޅުނު މުސްލިމަކު މަރާލައިފި އެވެ.


އުމުރުން 19 އަހަރުގެ ވަސީމް އަންސާރީ މަރާލި މީހުން ހައްޔަރު ކުރަން ފުލުހުންނަށް ބާރު އެޅުމުގެ ގޮތުން އިއްޔެ ވަނީ އެ ސްޓޭޓުގެ މަންދާރު ޓައުނުގައި ބަޔަކު މީހުން މުޒާހަރާކޮށްފަ އެވެ. ހިންދޫންނާއި މުސްލިމުންނާ ދެމެދު އިތުރު ހަމަނުޖެހުން އުފެދިދާނެތީ މިހާރު ވަނީ އެ ޓަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ޕޫނާގައި ދުވަހު މުސާރަ އަށް މަސައްކަތް ކުރާ ވަސީމް އޭނާގެ ޓައުނަށް ދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ފުލުހުން ބުނީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން އަޑުގަދަކޮށް މިއުޒިކް ކުޅެމުން ދިޔަ ބަޔަކު ހުއްޓުވަން ވަސީމް އާއި އޭނާގެ އެކުވެރިންތަކެއް ދިއުމުން އެ މީހުން ވަނީ ހަމަލާދީފައި ކަމަށެވެ. ވަސީމަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށް ފުލުހުން ބުންޏެވެ. ވަސީމްގެ އެކުވެރިން ވަނީ ފިލައިފަ އެވެ.

މަންޒަރު ދުށް މީހުން ބުނިގޮތުގައި މިއުޒިކް ކުޅުނު ގްރޫޕް ހުއްޓުވަން ވަސީމް ބޭނުންވީ އެ މީހުން މިއުޒިކް ކުޅެމުން ދިޔައީ މުސްލިމުންގެ ގަބުރުސްތާނަކާ ކައިރީގައި ކަމަށްވާތީ އެވެ.