ސައުދީގައި ހައްޔަރުކުރި ވަޒީރަކު ކެބިނެޓުގެ ބައްދަލުވުމަކަށް

ރިޔާޒް (ޖެނުއަރީ 3) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާ އިން ދާދި ފަހުން ހައްޔަރުކުރި ވަޒީރަކު ކެބިނެޓުގެ ބައްދަލުވުމަކުން ފެނިފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.


ކުރީގެ ފައިނޭންސް މިނިސްޓަރު އަދި ސްޓޭޓް މިނިސްޓަރު އިބްރާހިމް އަލް އައްސާފަކީ ކޮރަޕްޝަނުގެ ތުހުމަތުގައި ނޮވެމްބަރު މަހު ސައުދީން ހައްޔަރު ކުރި ބިލިއަނަރުންނާއި ވަޒީރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ނަމަވެސް ރަސްމީ ނޫސް އެޖެންސީން އިއްޔެ އާއްމުކުރި ކެބިނެޓުގެ ބައްދަލުވުމުގެ ފޮޓޯ އިން ފެންނަ ގޮތުގައި އައްސާފް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ ކެބިނެޓުގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. އައްސާފް ދޫކޮށްލި ކަމަށް ޚަބަރުތައް ބުނަނީ މިދިޔަ މަހު އެވެ.

ސްޓޭޓް މިނިސްޓަރެއްގެ މަގާމު އޭނާ ގެންދަވަނީ ނޮވެމްބަރު 2016 އިން ފެށިގެން ފުރުއްވަމުންނެވެ. އިކޮނޮމިކްސް އިން ޕީއެޗްޑީ ނަންގަވާފައިވާ އުމުރުން 68 އަހަރުގެ އައްސާފް އަކީ ސައުދީގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ބޯޑު މެންބަރެއް ވެސް މެ އެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުގައި ވެސް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭން ކުރީގެ ރަސްގެފާން އަބްދުﷲ ގެ ދެ ދަރިކަލުން ކަމަށްވާ ޕްރިންސް މިޝާލް ބިން އަބްދުﷲ އާއި ޕްރިންސް ފައިސަލް ބިން އަބްދުﷲ ވެސް ވަނީ މިދިޔަ މަހު ފަހުކޮޅު ދޫކޮށްލައިފަ އެވެ. ހައްޔަރުކުރި މީހުން ދޫކުރަމުން ގެންދަނީ އެ މީހުންގެ މުދަލުން ބޮޑު ބައެއް ސަރުކާރަށް ދިނުމަށް އެއްބަސްވުމުންނެވެ.