ލަންކާގެ މެގަ ޕްރޮޖެކްޓަކަށް ޗައިނާ އިން އެއް ބިލިއަން ޑޮލަރު

ކޮލަމްބޯ (ޖެނުއަރީ 3) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ މައި ބަނދަރު ސަރަހައްދުގައި 60 ބުރިއަށް ހަދާ ތިން ޓަވަރަށް ޗައިނާ އިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި އެވެ.


ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގެ ގައުމުތަކުގައި ވަރުގަދަ ކުރަމުންދާ އިރު އަވަށްޓެރި އިންޑިއާ އިން ދަނީ މިފަދަ ކޮންމެ މަޝްރޫއަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ލަންކާގެ އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޗަމްޕިކާ ރަނަވަކާ ވިދާޅުވީ ތިން ޓަވަރަށް އިންވެސްޓް ކުރަނީ ޗައިނާ ހާބާ ކުންފުނިން ކަމަށެވެ. އަދި އެ ތިން އިމާރާތުގެ ސަބަބުން ބޭރުގެ އިތުރު ކުންފުނިތަކުން ލަންކާ އަށް ޝައުގުވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި އެއް ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއް ޗައިނާ އިން ފަށާ އިރު އެ ގައުމުން ވަނީ ކޮލަމްބޯ ބަނދަރާ ޖެހިގެން ކަނޑު ހިއްކައިގެން ހަދާ ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓަށް 1.4 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފަ އެވެ. ލަންކާ އިން އުއްމީދު ކުރަނީ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ލިބޭނެ ކަމަށެވެ. ޕޯޓް ސިޓީގެ ބިން ހިއްކުމުގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޚިޔާލު ތަފާތުވުން ބޮޑުވި ޕޯޓް ސިޓީ ޕްރޮޖެކްޓް 2014 ވަނަ އަހަރު، މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ފައްޓަވައިދެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިން ލަންކާ އަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ލަންކާގެ ވެރިކަމަށް އައި މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ހުއްޓުވައިފަ އެވެ. އެކަމަކު ސަރުކާރާ އެކު އާ އެއްބަސްވުމަކަށް އައިސް ޗައިނާ ސަރުކާރުގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީީ) އިން އަލުން މަސައްކަތް ފެށީ އޮގަސޓް 2016 ގަ އެވެ. ޗައިނާ އަށް ބިން މިލްކު ކުރެވޭ ގޮތަށް ކުރިން އޮތް ނަމަވެސް މިހާރު ވަނީ ހިއްކާ ބިން 99 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ސީސީސީސީ އިން ބުނީ ޕޯޓް ސިޓީ ޕްރޮޖެކްޓް އިން 83،000 ވަޒީފާ އުފެދި 13 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ލަންކާ އަށް ލިބޭނެ ކަމަށެވެ.