އެމްއެޗް370: ބޯޓު ހޯދުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކުން ފަށަނީ

ކުއާލަ ލަމްޕޫރު (ޖެނުއަރީ 4) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް ފަށަން އަމިއްލަ ކުންފުންޏަކުން ތައްޔާރުވެއްޖެ އެވެ.


ކަނޑުއަޑި ބަލާ ހޯދުމުގެ އެމެރިކާގެ ތަޖްރިބާކާރު ކުންފުނި އޯޝަން އިންފިނިޓީން ބުނީ ކޮންޓްރެކް ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެ ކުންފުނިން މިހާރު ވަނީ ސަބްމެރިން އުފުލަން ނޯވޭގެ ރިސާޗް ބޯޓެއް ވެސް ހޯދައިފަ އެވެ. ބޯޓު ހޯދުމަށް އޯޝަން އިންފިނިޓީން ބަލާނީ ކުޑަ ސަރަހައްދެކެވެ. އެއީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރު (9،700 އަކަ މޭލު)ގެ ސަރަހައްދެކެވެ.

ބޯޓު ހޯދަން ހިންގާ އޮޕަރޭޝަނެއް ހިނގާނެ ޚަރަދު އެމެރިކާ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ. އެ ކުންފުނިން އެއްބަސްވެފައި ވަނީ ބޯޓު ފެނިއްޖެ ނަމަ ފައިސާ ދޭ ގޮތަށެވެ.

އޯޝަން އިންފިނިޓީގެ ތަރުޖަމާނަކު ވިދާޅުވީ ކޮންޓްރެކްޓް ހަވާލު ކުރާނެކަމުގެ ޔަގީންކަން ބޮޑު ކަމަށާއި އެހެންވެ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ސީބެޑް ކޮންޓްރެކްޓާ އެމްއެޗް370 ހޯދަން ބޭނުންވާ ސަރަހައްދަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އޯޝަން އިންފިނިޓީން ބުނީ ކަނޑުއަޑި ބެލުމުގެ އެންމެ ފަހުގެ ވަސީލަތްތައް އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އޯޝަން އިންފިނިޓީގައި ކަނޑުއަޑި ބަލާ ހަ ވެހިކަލްގެ ފްލީޓެއް އޮވެ އެވެ. އެ ވެހިކަލްތަކުން ސީބެޑުގެ ޑޭޓާ 6،000 މީޓަރު (19،700 ފޫޓު) އަޑިން ހޯދެ އެވެ.

މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ. އެކަމަކު އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް ޖަމިއްޔާ އިން މިދިޔަ އެޕްރީލް މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާކުރެވެނީ ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދުގެ އުތުރުގައި ކަމަށެވެ.