ޓްރަމްޕުގެ ކުރީގެ މުޝީރު ބެނަން އަށް ދައުވާކޮށްފާނެކަމުގެ އިންޒާރު ދީފި

ވޮޝިންޓަން (ޖެނުއަރީ 4) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ މުޝީރު ސްޓީވް ބެނަން އަށް ދައުވާކޮށްފާނެ ކަމުގެ އިންޒާރު ވައިޓްހައުސްގެ ވަކީލުން ދީފި އެވެ.


ބެނަން ވަނީ ލިޔުންތެރިޔާ މައިކަލް ވުލްފުގެ އާ ފޮތަށް ޓްރަމްޕާ ބެހޭ ގޮތުން މައުލޫމާތު ދެއްވައިފަ އެވެ. ޓްރަމްޕުގެ ވަކީލުން ބުނެފައި ވަނީ މައުލޫމާތު އާއްމު ނުކުރެވޭނެ އެއްބަސްވުމާ ބެނަން ޚިލާފުވެފައިވާ ކަމަށެވެ. އަދި އެއީ ޓްރަމްޕުގެ އަބުރަށް އަރައިގަތުމުގެ މައްސަލައެއް ކަމަށް ވެސް ވަކީލުން ބުނެ އެވެ. ވުލްފުގެ ފޮތުގައި ވަނީ ވެރިކަމަށް ވަޑައިގަތުމަށް ޓްރަމްޕް ތައްޔާރުވެވަޑައިގެންނެވި ގޮތުގެ ވާހަކަތައް ލިޔެފަ އެވެ. އެ ފޮތަށް މައުލޫމާތު ދިން އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ބެނަން ހިމެނެ އެވެ. ވަކީލުން ބުނަނީ އާއްމު ނުކުރެވޭނެ ބައެއް ސިއްރުތައް ވެސް ބެނަން ވަނީ ވުލްފް އަށް ކިޔައިދީފައި ކަމަށެވެ.

މި މައްސަލާގައި ހިތްހަމަޖެހިވަޑައިނުގެން ޓްރަމްޕް ވިދާޅުވެފައި ވަނީ ބެނަން ވަނީ ވަޒީފާ ގެއްލުނު ފަހުން މޮޔަވެފައި ކަމަށެވެ.

ވުލްފުގެ ފޮތަށް ވަނީ 200 އަށް ވުރެ ގިނަ މީހުން އިންޓަވިއު ދީފަ އެވެ. ވުލްފުގެ ބަޔާނުގައި ވަނީ ރައީސް ކަމަށް ޓްރަމްޕް ގާބިލް ނޫން ކަމަށް މައުލޫމާތު ދިން އެންމެން ވެސް އެއްބަސްވާ ކަމަށް ބުނެފަ އެވެ.