ޓްރަމްޕާ ބެހޭ ގޮތުން ނެރުނު ފޮތަށް ކޯފާ އިސްކުރައްވައިފި

ވޮޝިންޓަން (ޖެނުއަރީ 5) - ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން ލިޔުންތެރިޔާ މައިކަލް ވުލްފް ނެރުނު ފޮތުގައި ހުރީ ހޮސް ދޮގު ކަމަށް ވިދާޅުވެ ޓްރަމްޕް ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފި އެވެ.


ރައީސް ކަމަށް ޓްރަމްޕް ވަޑައިގަތުމާއި ހުވާ ކުރުމާ އަދި ޓްރަމްޕް އާއިލާގެ މެންބަރުންނާއި ބެހޭ ގޮތުން ތަފާތު ވާހަކަތައް ހިމަނާފައިވާ ފޮތަށް މައުލޫމާތު ދިން މުހިންމު ފަރާތްތަކުގެ ތެރޭގައި ޓްރަމްޕުގެ ކުރީގެ މުޝީރު ސްޓީވް ބެނަން ހިމެނެ އެވެ. ޓްރަމްޕުގެ ވަކީލުން ވަނީ، ހާމަ ނުކުރެވޭނެ ބައެއް މައުލޫމާތު ބެނަން އާއްމުކޮށްފައިވާތީ އޭނާއާ ދެކޮޅަށް ދައުވާކޮށްފާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ޓްރަމްޕް ވެސް ވަނީ ވަޒީފާ ގެއްލުމުން ބެނަން މޮޔަވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ވައިޓް ހައުސްގެ މުޝީރުގެ މަގާމުން ބެނަން ވަކިކޮށްފައި ވަނީ އޮގަސްޓް މަހު އެވެ.

"ފަޔާ އެންޑް ފިއުރީ: އިންސައިޑް ދަ ޓްރަމްޕް ވައިޓް ހައުސް" ގެ ނަމުގައި ނެރުނު ފޮތް ހުއްޓުވުމަށް ވެސް ޓްރަމްޕުގެ ވަކީލުން ވަނީ މަސައްކަތް ކޮށްފަ އެވެ.

ވުލްފުގެ ފޮތުގައި ހިމަނާފައިވާ ވާހަކަތަކުގެ ތެރޭގައި އެމެރިކާގެ ފުރަތަމަ އަންހެން ރައީސްގެ މަގާމަށް ވަޑައިގަތުމަށް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް މަސައްކަތް ކުރާ ކަމަށް ބުނެފައިވެ އެވެ. އަދި ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރުމުން އޭނާގެ ޓީމަށް ވެސް ހައިރާންކަން ލިބުނު ކަމަށާއި އިންތިޚާބު އޮތް ދުވަހުގެ ރޭ އަނބިކަނބަލުން މެލަނިއާ ކީރިތި ކުރެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.

ވުލްފުގެ ފޮތުގައި ވަނީ 200 އަށް ވުރެ ގިނަ އިންޓަވިއު ހިމަނައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ވައިޓް ހައުސް އަށް ވަނުމުގެ ހުއްދަ ވުލްފަށް ދީފައި ނުވާނެ ކަމަށާއި އަދި އޭނާގެ ފޮތަށް އެއްވެސް މައުލޫމާތެއް ވެސް ދީފައި ނުވާނެ ކަމަށެވެ. އަދި އެ ފޮތުގައި ހިމަނާފައިވާ މަސްދަރުތައް ވުޖޫދުވެފައި ނުވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.