ޓްރަމްޕަކީ ކުޑަ ކުއްޖެއް، އޭނާ ވަނީ އިތުބާރު ގެއްލިފައި: ލިޔުންތެރިޔާ

ވޮޝިންޓަން (ޖެނުއަރީ 5) - ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ ކުޑަކުއްޖެއް ގޮތަށް ކަމަށާއި އޭނާ އަކީ އެ ހިސާބަށް އާދެވިފައިވާ މީހުންގެ ތެރޭން އިތުބާރު ގެއްލިފައިވާ މީހެއް ކަމަށް ޓްރަމްޕާ ބެހޭ ގޮތުން ފޮތް ލިޔުނު މައިކަލް ވުލްފް ބުނެފި އެވެ.


ވުލްފް ވަނީ ފޮތަށް ބޭނުންވާ މައުލޫމާތު ހޯދަން އެތައް މަހެއް ވައިޓް ހައުސްގައި ހޭދަކޮށްފަ އެވެ. އަދި އެ ފޮތަށް މައުލޫމާތު ދިން މުހިންމު ފަރާތްތަކުގެ ތެރޭގައި ޓްރަމްޕުގެ ކުރީގެ މުޝީރު ސްޓީވް ބެނަން ހިމެނެ އެވެ. ޓްރަމްޕުގެ ވަކީލުން ވަނީ ހާމަނުކުރެވޭނެ ބައެއް މައުލޫމާތު އާއްމުކޮށްފައިވާތީ ބެނަން އަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

"ފަޔާ އެންޑް ފިއުރީ: އިންސައިޑް ދަ ޓްރަމްޕް ވައިޓް ހައުސް" ގެ ނަމުގައި ވުލްފު ބާޒާރަށް ނެރުނު ފޮތް ހުއްޓުވަން ޓްރަމްޕުގެ ވަކީލުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މި ފޮތް ރޭ ބާޒާރަށް ނެރުމާ އެކު ގިނަ ބަޔަކު ވަނީ ފޮތް ހޯދަން ކިޔޫ ހަދައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ފޮތުގައި ވަނީ މުޅިން ދޮގު ކަމަށެވެ.

އެންބީސީގައި ވާހަކަ ދައްކަމުން ވުލްފް ބުނެފައި ވަނީ ޓްރަމްޕް އުޅުއްވަނީ ކުޑަ ކުއްޖެއް ގޮތަށް ކަމަށް އޭނާގެ ހުރިހާ ސްޓާފުން ވެސް ބުނާ ކަމަށެވެ. އަދި ފޮތެއް ނެރުން ހުއްޓުވަން އެމެރިކާގެ ރައީސަކު އުޅުއްވުމަކީ ވަރަށް އާދަޔާޚިލާފު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.