ޓެކްސް ނަގާތީ ސައުދީ ސަރުކާރުން ރައްޔިތުންނަށް ބަދަލު ދެނީ

ރިޔާޒް (ޖެނުއަރީ 6) - ސައުދީ އަރަބިއާގައި މި އަހަރުން ފެށިގެން ޖީއެސްޓީ ނަގަން ފެށުމުން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސިފައިންނަށް އެއް އަހަރުގެ މުއްދަތަށް މަހަކު 1،000 ރިޔާލް (266) ޑޮލަރު ދޭން ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ނިންމަވައިފި އެވެ.


ސައުދީގައި މި އަހަރުން ފެށިގެން ފަސް ޕަސެންޓުގައި ޖީއެސްޓީ ނަގަން ފެށިއިރު އެ ގައުމުގެ އެތެރޭގައި ވިއްކާ ޕެޓްރޯލުގެ އަގު ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. ރަސްގެފާން ނެރުއްވި ގަރާރުގައިވާ ގޮތުން ސިއްހީ ޚިދުމަތާއި ތައުލީމީ ޚިދުމަތްތަކުން ޖީއެސްޓީ ނުނަގާނެ އެވެ. އަދި ފުރަތަމަ ފަހަރަށް ގޭ ގަންނަ މީހުންނަށް ސަރުކާރުން ޓެކްސް ދައްކައިދޭނެ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

ސައުދީ އަރަބިއާއެކޭ އެއްފަދައިން ޔޫއޭއީގައި ވެސް މި އަހަރުން ފެށިގެން ވަނީ ފަސް ޕަސެންޓުގައި ޖީއެސްޓީ ނަގަން ފަށައިފަ އެވެ. ސައުދީގެ އާމްދަނީގެ 90 ޕަސެންޓް ބިނާވެފައި ވަނީ ތެލަށެވެ. ޔޫއޭއީގެ އާމްދަނީގެ 80 ޕަސެންޓަކީ ތެޔޮ ވިއްކައިގެން ލިބޭ ފައިސާ އެވެ. ތެލުގެ އަގު ދަށްވާން ފެށުމުން ސައުދީން ވަނީ އާމްދަނީ ހޯދޭނެ އެހެން ގޮތްތައް ތައާރަފް ކުރަން ފަށައިފަ އެވެ.

އާމްދަނީ ދަށްވުމުން ސައުދީ އަރަބިއާ އިން 2016 ވަނަ އަހަރު ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ ކުޑަކުރި މުސާރަ އިޔާދަކޮށްދީފަ އެވެ.

ސައުދީގައި ވަޒީފާ އަދާކުރާ މީހުންގެ ތިން ބައިކުޅަ ދެބައި މީހުން އުޅެނީ ސަރުކާރުގެ ވަޒީފާތަކުގަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ބަޖެޓުގެ 45 ޕަސެންޓް ހޭދަކޮށްފައި ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރައަށެވެ.