އީރާނުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިން

ތެހެރާން (ޖެނުއަރީ 7) - އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ މަހު ފަހުކޮޅު ފެށި މުޒާހަރާތަކުގައި ހައްޔަރުކުރި ހާހަކަށް ވުރެ ގިނަ މީހުންގެ ތެރޭގައި ޔުނިވާސިޓީގެ 90 އަށް ވުރެ ގިނަ ދަރިވަރުން ހިމެނޭ ކަމަށް އިސްލާހަށް މަސައްކަތް ކުރާ ބައެއް މެންބަރުން ބުނެފި އެވެ.


ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ މަހްމޫދު ސަދެގީ އީރާނުގެ ސްޓޫޑެންޓްސް ނިއުސް އެޖެންސީ އަށް ވިދާޅުވީ ހައްޔަރު ކުރި ބައެއް ދަރިވަރުންނަކީ މުޒާހަރާތަކުގައި ބައިވެރި ވެސް ނުވާ ކުދިން ކަމަށެވެ. އެހެން މެންބަރެއް ކަމަށްވާ ފާރިދު މޫސަވީ ވިދާޅުވީ ހުރިހާ ދަރިވަރުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

ގައުމުގެ އިގްތިސާދު ދަށަށްދާތީ ހިތްހަމަނުޖެހިގެން ފެށި މުޒާހަރާތައް އެންމެ ފަހުން ވަނީ ސަރުކާރާ ދެކޮޅު އެއްވުންތަކަކަށް ބަދަލުވެފަ އެވެ. މުޒާހަރާތަކުގައި ވަނީ 21 މީހުން މަރުވެފަ އެވެ. ރެވޮލިއުޝަނަރީ ގާޑުގެ ވެރިޔާ ބުދަ ދުވަހު ވިދާޅުވެފައި ވަނީ މުޒާހަރާތައް މައިތިރިކޮށްފައިވާ ކަމަށެވެ.

ތެހެރާން ޔުނިވާސިޓީގެ ނައިބް ރައީސް ވިދާޅުވީ ހައްޔަރު ކުރި ކިޔަވާ ކުދިންގެ ހާލު ބެލުމަށް ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

އީރާނުގައި ހަމަނުޖެހުން އުފެއްދުމުގެ ފަހަތުގައި ވަނީ ބޭރުގެ ދުޝްމަނުން ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ. ދުޝްމަނުން ކަމަށް ޚާމަނާއީ އިޝާރާތް ކުރައްވާފައި ވަނީ އެމެރިކާ އާއި އިޒްރޭލް އަދި ސައުދީ އަރަބިއާ އަށް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.