މައިކަލް ވުލްފުގެ ފޮތުގައި ހުރީ ޚިޔާލީ ވާހަކަތަކެއް: ޓްރަމްޕް

ވޮޝިންޓަން (ޖެނުއަރީ 7) - އޭނާ އަކީ ބުއްދި ސަލާމަތުން ހުރި ވަރަށް ސްމާޓް މީހެއް ކަމަށާއި އޭނާއާ ބެހޭ ގޮތުން މައިކަލް ވޮލްފު ލިޔުނު ފޮތުގައި ވަނީ ޚިޔާލީ ވާހަކަތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


މައިކަލް ވުލްފުގެ ފޮތުގައި ވަނީ ޓްރަމްޕަކީ އެމެރިކާގެ ރައީސްގެ މަގާމަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށާއި އެއީ ބޯހަމަ ނުޖެހޭ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ އެންމެ ގާތް މީހުން ވެސް އެކަން ގަބޫލްކުރާ ކަމަށް ވުލްފުގެ ފޮތުގައި ބުނެފައިވެ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ވުލްފަކީ ދޮގާއި މަކަރުގެ ތެރޭން ނާޖާއިޒް ފައިދާ ހޯދަން މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ.

ޕާޓީގެ ސީނިއާ މެންބަރުންނާ އެކު ކޭމްޕް ޑޭވިޑްގައި ބައްދަލު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ސިކުނޑި ހަމަނުޖެހޭ ކަމަށް ދައްކާ ވާހަކަ ގަބޫލް ނުކުރާނެ ކަމަށެވެ. އަދި އޭނާ ކިޔަވާ ވިދާޅުވީ އެންމެ ރަނގަޅު ކޮލެޖްތަކުން ކަމަށާއި ކިޔެވި ދުވަސްވަރު އެންމެ ރަނގަޅު ދަރިވަރުންގެ ތެރޭގައި ހިމެނުނު ކަމަށް ވިދާޅުވި އެވެ.

"ސްކޫލް ނިންމުމަށް ފަހު އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނުނު. ބިލިއަން ޑޮލަރުން އާމްދަނީ ލިބުނު،" ޓްރަމްޕް ވިދާޅުވި އެވެ.

ވުލްފުގެ "ފަޔާ އެންޑް ފިއުރީ: އިންސައިޑް ދަ ޓްރަމްޕް ވައިޓް ހައުސް" ގައި ވަނީ ވެރިކަމަށް ޓްރަމްޕް ފިޓް ނޫން ކަމަށް ސިފަކޮށްދީފަ އެވެ. ހުކުރު ދުވަހު އެ ފޮތް ނެރުމުގެ ކުރިން ޓްރަމްޕުގެ ވަކީލުން ވަނީ ފޮތް ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވީ ޓްރަމްޕުގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ޝައްކު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.