ކުޑަ ކުއްޖާ ރޭޕްކޮށް މަރާލުމާ ގުޅިގެން ޕާކިސްތާނުގައި ހަމަނުޖެހުން

އިސްލާމްއާބާދު (ޖެނުއަރީ 11) - އުމުރުން އެންމެ އަށް އަހަރުގެ ޒައިނަބް ރޭޕްކޮށް މަރާލުމާ ގުޅިގެން ޕާކިސްތާނުގެ ކަސޫރު ސިޓީގައި ހަމަނުޖެހުންތައް ހިންގަން ފަށައިފި އެވެ.


ޒައިނަބުގެ ހަށިގަނޑު އަންގަރާ ދުވަހު ފެނިފައި ވަނީ ކުނިގޮނޑަކުންނެވެ. ޒައިނަބުގެ ހަށިގަނޑު ފެނުނު އިރު އެ ކުއްޖާ ގެއްލިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ރޭޕް ކުރުމަށް ފަހު ޒައިނަބް މަރާލާފައި ވަނީ ކަރުގައި ހިފައިގެންނެވެ.

ޒައިނަބުގެ މަރާ ގުޅިގެން މުޒާހަރާ އަށް ނުކުތް މީހުން ވަނީ ކުޑަ ކުދިން ވަގަށް ނެގުމާއި ރޭޕް ކުރުން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެފަ އެވެ. ކަސޫރުގެ ފުލުހުން ބުނީ ވޭތުވެދިޔަ ދެ އަހަރު ތެރޭ މި ގޮތަށް 12 ކުއްޖަކު މަރާލާފައިވާ ކަމަށެވެ. މީގެ ތެރޭން ފަސް ކުއްޖެއްގެ މަރަށް ތުހުމަތު ކުރަނީ އެކެއްގެ މައްޗަށެވެ. އޭނާ ހޯދަން އެތައް ސަތޭކަ ފުލުހުންނެއް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތުހުމަތު ކުރެވޭ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ވަނީ ނަގައިފަ އެވެ.

ޒައިނަބުގެ މަރާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ ދެ މީހުން މަރުވެފަ އެވެ. ކަސޫރު ސިޓީގެ އިތުރުން ޕާކިސްތާނުގެ އެހެން ސިޓީތަކުގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ފުލުހުންގެ އިތުރުން ސިފައިން ނުކުމެގެން ވެސް ޒައިނަބުގެ ގާތިލް ހޯދުމަށް ދަނީ ގޮވާލަމުންނެވެ.

ޒައިނަބު ގެއްލިފައި ވަނީ ގުރުއާން ކްލާހަކަށް ދިޔަ މަގު މަތީގަ އެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ގެއާ ދެ ކިލޯ މީޓަރު ދުރުންނެވެ. ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ އެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރި ނަމަވެސް އެ ކުއްޖާ ހޯދަން ފުލުހުން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ޒައިނަބު ދިޔަ މަގު އެނގޭ ސީސީޓީވީ ފުޓޭޖް ހޯދާފައި ވަނީ ތިމާގެ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެ ފުޓޭޖުން ޒައިނަބް އަތުގައި ހިފައިގެން ފިރިހެނަކު ދާ މަންޒަރު ފެނެ އެވެ. އެ މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ޒައިނަބުގެ އާއިލާ އިން ބުނީ ފުލުހުން ވަގުތުން ހަރަކާތްތެރިވާން ފެށި ނަމަ ޒައިނަބުގެ ގާތިލް ހޯދުނީސް ކަމަށެވެ.