ސިރިސޭނާ ހުށަހެޅި މައްސަލަ ބަލަން ފަސް މެންބަރުންގެ ބެންޗެއް

ކޮލަމްބޯ (ޖެނުއަރީ 11) - ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ހުށަހެޅުއްވި މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަސް މެންބަރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.


ފަސް މެންބަރުންގެ ބެންޗު ޗެއާ ކުރައްވަނީ އުއްތަމަ ފަނޑިޔާރު ޕްރިޔަސަތު ޑެޕް އެވެ. ބެންޗުގައި ދެން ހިމެނެނީ އީވާ ވަނަސުންދެރާ، ބުވަނެކަ އަލުވިހަރެ، ކޭ.ޓީ ޗިތުރަސިރީ އަދި ސިސިރާ ޑެ އެބްރޫ އެވެ.

ރައީސް ސިރިސޭނާ ސުޕްރީމް ކޯޓަށް ހޯމަ ދުވަހު ހުށަހެޅުއްވީ ރައީސްކަމުގެ ހުވާ ޖެނުއަރީ 9، 2015 ގައި އޭނާ ކުރެއްވީ 1978 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން ކަމަށާއި އެ ގާނޫނު އަސާސީގައި ވެރިކަމުގެ ދައުރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަ އަހަރު ކަމަށެވެ. އެހެންވެ ވެރިކަމުގައި ހަ ވަނަ އަހަރަކަށް ހުންނެވިދާނެތޯ ސާފުކޮށް ދެއްވުމުގެ ލަފައަކަށް ސިރިސޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމަކު މިއީ 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ގާނޫނު އަސާސީ އަށް ސިރިސޭނާ ގެންނެވި އިސްލާހާ މުޅިން ޚިލާފު ހުށަހެޅުމެކެވެ. ވެރިކަމުގެ ދައުރު ފަސް އަހަރަށް ކުޑަކުރުމަށް ސްރީ ލަންކާގެ ގާނޫނީ އަސާސީ އަށް 19 ވަނަ އިސްލާހު ގެނެސްފައި ވަނީ ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު މަސް ދުވަސް ތެރޭގަ އެވެ. ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން 215 މެންބަރުންގެ ތާއީދާ އެކު ފާސްކުރި އިސްލާހު އޭރު ބަލައިގެންފައި ވަނީ ޑިމޮކްރެސީ ހަރުދަނާ ކުރަން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ. ވެރިކަމުގެ މުއްދަތު ދެ ދައުރަށް ލިމިޓް ކުރުމަށާއި މިނިވަން މުއައްސަސާތަކުގެ ބާރުތައް އިޔާދަ ކޮށްފައި ވަނީ އިންތިޚާބުގެ ތެރޭގައި ސިރިސޭނާ ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށެވެ.

ސިރިސޭނާގެ ހުށަހެޅުއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާނެ އެވެ. މި މައްސަލާގައި ސުޕްރީމް ކޯޓަށް ފެންނަ ލަފާ މި މަހު 15 ވަނަ ދުވަހުގެ ކުރިން ސިރިސޭނާ އަށް އަރުވާނެ އެވެ.

ވެރިކަމުގައި އިތުރު އަހަރަކު ހުންނެވުމުގެ ބޭނުމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް ސިރިސޭނާ އެދިވަޑައިގެންނެވި އިރު ކޯލީޝަން ޕާޓްނަރު ބޮޑު ވަޒީރު ރަނިލް ވިލްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާ ދެމެދު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ މައްޗަށް ކާމިޔާބު ހޯދަން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން 2015 ވަނަ އަހަރު ސިރިސޭނާ ނެރުމުގެ ކުރިން އެމަނިކުފާން ހުންނެވީ ރާޖަޕަކްސާ ސަރުކާރުގެ ހެލްތު މިނިސްޓަރަކަށެވެ.