ގާނޫނަށް ގެނައި ބަދަލުން އީރާނުގެ އެތައް ކުށްވެެރިންގެ މަރުގެ އަދަަބަށް ލުއި

ތެހެރާން (ޖެނުއަރީ 11) - އީރާނުގައި ގާނޫނަށް ގެނައި ބަދަލުން ޑްރަގުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ އެތައް ހާސް ކުށްވެރިންގެ މަރުގެ އަދަބަށް ލުއި ލިބުމުގެ ފުރުސަތު ލިބިއްޖެ އެވެ.


ގާނޫނަށް ގެނައި ބަދަލާ ގުޅިގެން، ޑްރަގު ކުށްވެރިން މަރުގެ ހުކުމުން ސަލާމަތްވާ އިރު އީރާނުގެ ޝަރުއީ ދާއިރާގެ އެންމެ އިސްވެރިޔާ ވިދާޅުވީ މަރުގެ ހުކުމް އިއްވާފައިވާ އެންމެންގެ މައްސަލަ އަލުން މުރާޖައާ ކުރާނެ ކަމަށެވެ. ކުރިން ކޮށްފައިވާ ކުށްތަކަށް ވެސް ގާނޫނުން ލުއި ލިބޭތީ މަރުގެ ހުކުމުން 5،000 ކުށްވެރިން ސަލާމަތްވާނެ ކަމަށް ބެލެވެ އެވެ.

އީރާނުން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ބަޔަކަށް މަރުގެ އަދަބު ދެ އެވެ. މީގެ ތެރޭން ގިނަ މީހުންނަކީ ޑްރަގުގެ ކުށްވެރިންނެވެ.

އީރާނުގެ ޕާލަމެންޓުން އޮގަސްޓް މަހު ގާނޫނަށް ގެނައި ބަދަލުގައި ވަނީ މަރުގެ އަދަބު ކަނޑައަޅާނެ ޑްރަގުގެ މިންވަރު ކަނޑައަޅައިފަ އެވެ. ކުރީގެ ގާނޫނުގެ ދަށުން 30 ގްރާމުގެ ޑްރަގު މީހެއްގެ އަތުން ފެނިއްޖެ ނަމަ އެ މީހަކަށް މަރުގެ އަދަބު އިއްވާނެ އެވެ. ގާނޫނަށް ގެނައި ބަދަލުގެ ދަށުން މިހާރު ވަނީ އެ އަދަދު ދެ ކިލޯ އަށް މަތިކޮށްފަ އެވެ.

އީރާނުގެ ޝަރުއީ ދާއިރާގެ ވެރިޔާ އާޔަތުﷲ ސާދިގު ލަރިޖާނީ ވިދާޅުވީ މަރުގެ ހުކުމް އިއްވާފައިވާ ގިނަ މީހުންގެ އަދަބު ޖަލު ހުކުމަށް ބަދަލުވާނެ ކަމަށެވެ.

އީރާނުން ގާނޫނަށް ގެނައި ބަދަލަށް ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން މަރުހަބާ ކިޔައިފަ އެވެ.