ހަގީގީ ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ: ސިރިސޭނާ

ކޮލަމްބޯ (ޖެނުއަރީ 11) - ހަގީގީ ވަގުންނަކީ ކޮބައިކަން ސްރީ ލަންކާގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ފައްޓަވައިދެއްވަމުން އަނޫރަދަޕޫރާގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ޕާލަމެންޓުގައި އެއް ޕާޓީން އަނެއް ޕާޓީގެ މެންބަރުންނަށް ވަގަށް ގޮވި ނަމަވެސް ހަގީގީ ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

ޕާލަމެންޓުގެ ޚާއްސަ ބައްދަލުވުމެއް އިއްޔެ ބޭއްވީ ސެންޓްރަލް ބޭންކުން ބޮންޑް ވިއްކި މައްސަލާގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރުމަށެވެ. ބޮންޑު ވިއްކި މައްސަލައިގެ 1،200 ސަފުހާގެ ރިޕޯޓް ވަނީ މިދިޔަ މަހު 27 ވަނަ ދުވަހު ސިރިސޭނާ އަށް އަރުވައިފަ އެވެ. އެކަމަކު ޕާޓީތަކުގެ ލީޑަރުން ބުނެފައި ވަނީ އެ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ ޕާލަމެންޓުގައި އިއްޔެ ބޭއްވި ބަދަލުވުން ހޫނުވެ އެއް ބަޔަކު އަނެއް ބަޔަކަށް ވަނީ ވަގަށް ގޮވާ ހަމަނުޖެހުން ހިންގައިފަ އެވެ.

އެގާރަ މަސް ދުވަހުގެ ތަހުގީގަށް ފަހު ތައްޔާރު ކުރި ރިޕޯޓްގައި ބުނެފައި ވަނީ ސެންޓްރަލް ބޭންކުގެ އޭރުގެ ގަވަރުނަރު އަރްޖުނާ މަހެންދްރަންގެ ދަނބިދަރިއެއް ކަމަށްވާ އަރްޖުން އަލޮއިސިއަސް އަށް ބޮންޑް ވިއްކައިގެން ނާޖާއިޒް ފައިދާ ލިބިފައިވާ ކަމަށެވެ.

ސެންޓްރަލް ބޭންކުގެ ބޮންޑުގެ މައްސަލާގައި ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު ވަނީ ޚިޔާލުތަފާތުވެފަ އެވެ. ގަވަރްނަރުގެ މަގާމަށް މަހެންދްރަން ހަމަޖެއްސީ ރަނިލްގެ ލަފާގެ މަތިންނެވެ. މަހެންދްރަންގެ ޓާމް ޖޫން 2016 ގައި ހަމަވުމުން ސިރިސޭނާ ވަނީ އިތުރު މުއްދަތެއް އޭނާ އަށް ދޭން ދެކޮޅު ހައްދަވައިފަ އެވެ. އަދި ބަދަލުގައި ގަވަރްނަރުގެ މަގާމަށް ރަނިލްގެ ފަރާތުން ހުށަހެޅި ނަމަށް ވެސް ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.