ރޯވި ޓޭންކަރުން ބައެއް ގޮވައިފި

ޝެންހާއީ (ޖެނުއަރީ 11) - އީސްޓް ޗައިނާ ކަނޑުގައި ކާގޯ ބޯޓަކާ ޖެހި އެކްސިޓެންޓްވެ ރޯވި ތެޔޮ ޓޭންކަރުން ބައެއް ގޮވާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


އެކްސިޑެންޓުގައި ޓޭންކަރުން ވަނީ 32 މީހުން ގެއްލިފަ އެވެ. އެއީ އީރާނުގެ 30 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. މީގެ ތެރޭން އެކެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ކާގޯ ބޯޓުގައި ތިބި ޗައިނާގެ 21 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ޓޭންކަރުގައި ރޯވެފައި ވަނީ ޝެންހާއީގެ 160 މޭލު ބޭރުންނެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ސަންޗީ ޓޭންކަރުގައި ހުރީ އީރާނުން ބަރުކޮށްފައިވާ 136،000 ޓަނުގެ ތެލެވެ. އެއީ ގާތްގަނޑަކަށް އެއް މިލިއަން ފީފާގެ ތެލެވެ. މިހާރުގެ އަގުން ބަލާ ނަމަ އެ ތެލުގެ އަގަށް 60 މިލިއަން ޑޮލަރު އަރާނެ އެވެ. ތެޔޮ ގެންދިޔައީ އީރާނުން ސައުތު ކޮރެއާ އަށެވެ.

ހޮން ކޮންގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓެއް ކަމަށްވާ ސީއެފް ކްރިސްޓަލް އާއި ސަންޗައި ޓޭންކަރު ޖެހި އެކްސިޑެންޓްވީ ހޮނިހިރު ދުވަހު އެވެ. އޭގެ ފަހުން ޓޭންކަރުގައި ރޯވެ އަދިވެސް ދަނީ އަނދަމުންނެވެ. ޓޭންކަރު އޮތީ ޝެންހާއީ އާއި ޖަޕާނާ ދެމެދު އެވެ.

ޓޭންކަރުން ބައެއްގައި ގޮވީ އިއްޔެ އެވެ. ޓޭންކަރު ގޮވުމާ ގުޅިގެން އަލިފާން ނިއްވާލުމުގައި އުޅުނު ބައެއް އުޅަނދުތައް ވަނީ ފެއަށް ޖައްސަން ޖެހިފަ އެވެ. އަލިފާން ނިއްވާލަން ކުރާ މަސައްކަތުން އެއްވެސް ކާމިޔާބެއް އަދި ނުލިބެ އެވެ. އަލިފާން ނިއްވާލުމުގައި ދަނީ ޗައިނާގެ އެންމެ ބޮޑު ޕެޓްރޯލް ޝިޕް ހައިޒުން 01 ވެސް ބައިެވރިވަމުންނެވެ. ގެއްލުނު މީހުން ހޯދުމުގައި ދަނީ 12 އުޅަނދެއް ހަރަކާތްތެރިވަމުންނެވެ.