ޒައިނަބުގެ މަރާ ގުޅިގެން ބައެއް މީހުން ހައްޔަރު ކުރަން ފަށައިފި

އިސްލާމްއާބާދު (ޖެނުއަރީ 14) - ޕާކިސްތާނުގައި ރޭޕްކޮށް މަރާލި ޒައިނަބް އަންސާރީގެ މަރުގެ ތުހުމަތުގައި ބައެއް މީހުން ހައްޔަރު ކުރަން ފަށައިފި އެވެ.


ކަސޫރު ސިޓީގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖާގެ ގާތިލް ހޯދަން ފުލުހުންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެއީ އެންމެ ފަހުން އާއްމުކުރި ސީސީޓީވީ ފުޓޭޖާއި ކުރިން އާއްމުކުރި ވީޑިއޯ އިން ފެންނަ މީހާ ތަފާތުވުމުންނެވެ.

ޒައިނަބުގެ މަރުގެ ތުހުމަތު ކުރެވޭ މީހާ ހޯދަން ޕަންޖާބު ފުލުހުންގެ ވެރިޔާ ވަނީ ރޭގެ 8 ޖެހުމާ ހަމައަށް މުހުލަތު ދީފަ އެވެ. ނަމަވެސް އެ މުހުލަތު ހަމަވިއިރު ގާތިލް އަތުޖެހިފައެއް ނުވެ އެވެ. އެކަމަކު ޒައިނަބުގެ މަރު ތަހުގީގު ކުރާ ހަތަރު އެޖެންސީ ކަމަށްވާ، ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓް، އިންޓަލިޖެންސް ބިއުރޯ، ސްޕެޝަލް ބްރާންޗް އަދި ޕަންޖާބު ފޮރެންސިކް ސައެންސް އެޖެންސީން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. ތުހުމަތު ކުރެވޭ 120 މީހެއްގެ ޑީއެންއޭ ވަނީ ނަގައިފަ އެވެ. ނަމަވެސް ޒައިނަބުގެ ގާތިލްގެ ޑީއެންއޭއާ ދިމާވެފައެއް ނުވެ އެވެ.

ޒައިނަބް ގެއްލިފައި ވަނީ ޖެނުއަރީ 4 ވަނަ ދުވަހު އޭނާގެ ބޮޑުދައިތައެއްގެ ގެއަށް ގުރާން ކިޔަވަން ދިޔަ މަގުމަތީގަ އެވެ. ޒައިނަބް ގެއްލުނުތާ ފަސް ދުވަސް ފަހުން، ޖެނުއަރީ 9 ވަނަ ދުވަހު ވަނީ، މަރާލާފައި ކުނިގޮނޑަކަށް އެއްލާފާއި އޮއްވާ ބަޔަކަށް ފެނިފަ އެވެ. ރޭޕް ކުރުމަށް ފަހު ޒައިނަބް މަރާލާފައި ވަނީ ކަރުގައި ހިފައިގެންނެވެ.

ޕަންޖާބް ފޮރެންސިކް ސައެންސް އެޖެންސީން މިހާރު ވަނީ ކުށުގެ ވެށިން ސާމްޕަލް ނަގައިފަ އެވެ. ޒައިނަބުގެ ޕޯސްޓްމޯޓަމް ރިޕޯޓް ދައްކާ ގޮތުން އެ ކުއްޖާ އަށް ވަނީ ވަރަށް އަނިޔާކޮށްފަ އެވެ. ހަށިގަނޑަށާއި މޫނަށް އަނިޔާދީފައިވާ އިރު ކަނދުރާ މަތިން ކަށިގަނޑެއްގައި ވަނީ ރެނދުލައިފަ އެވެ.

ޒައިނަބް ގެއްލުނު އިރު އޭނާގެ ބައްޕަ އަންސާރީ ވަނީ އުމްރާއަކަށް ގޮހެވެ. އޭނާ ބުނީ ޒައިނަބް ގެއްލުމާ އެކު އެ ކުއްޖާ އަވަހަށް ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ނަމަ ޒައިނަބް ފެނުނީސް ކަމަށެވެ.

ޕަންޖާބު ސަރުކާރުން މިހާރު ވަނީ ޒައިނަބުގެ ގާތިލް ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް 10 މިލިއަން ރުޕީސް (90،000 ޑޮލަރު) ގެ އިނާމެއް ހުށަހަޅައިފަ އެވެ.