ގުދުސްއާ ބެހޭ ގޮތުން ޓްރަމްޕުގެ ނިންމުމަކީ ގަރުނުގެ އެންމެ ބޮޑު އެތިފަހަރު: އައްބާސް

ގުދުސް (ޖެނުއަރީ 15) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމަކީ ގަރުނުގެ އެންމެ ބޮޑު އެތިފަހަރު ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.


ފަލަސްތީނުގެ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އައްބާސް ވިދާޅުވީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގެންފައިވާތީ އެ ގައުމުގެ ފަރާތުން ދެން އަންނަ ސުލްހައިގެ އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމަށެވެ. އަދި އޮސްލޯ ސުލްހައިގެ އެއްބަސްވުމަށް ނިމުން ގެންނަން އެމެރިކާ އިން މަސައްކަތް ކުރާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ސުލްހައިގެ މަސައްކަތާ ދެކޮޅު ހަދާ ނަމަ ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަތުމަކީ ސުލްހައިގެ މަސައްކަތާ ދުރަށް ޖެހި، ބައިބައިވާން ޖެހޭވަރުގެ ކަމެއް ނޫން ކަމަށެވެ.

ފަލަސްތީނުގެ ލީޑަރުންނާ ރާމުﷲގައި އައްބާސް ބައްދަލު ކުރެއްވީ ޓްރަމްޕުގެ ނިންމުމަށް ދޭނެ ރައްދަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

"އެމެރިކާގެ ނިންމުމަކީ އެއީ ގަރުނުގެ ބޮޑު ނިންމުން ނަމަވެސް އެއީ މި ގަރުނުގެ އެންމެ ބޮޑު އެތިފަހަރު. އެއީ ފަލަސްތީނުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން،" ރާމުﷲ ގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އަބޫ ދައިސް އަކީ ފަލަސްތީނުގެ ވެރިރަށަށް ހަދަން އެމެރިކާ އިން މަސައްކަތް ކުރާ ކަމަށެވެ.