ހައްޖަށް ދާ މީހުންނަށް އިންޑިއާ އިން ދޭ ސަބްސިޑީ ހުއްޓާލައިފި

ނިއު ދިއްލީ (ޖެނުއަރީ 17) - ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ސައުދީ އަރަބިއާ އަށް ދާ މުސްލިމުންނަށް ޒަމާނުންސުރެ ދެމުން ދިޔަ ހައްޖު ސަބްސިޑީ އިންޑިއާ ސަރުކާރުން ހުއްޓާލައިފި އެވެ.


އިންޑިއާގެ މައިނޮރިޓީ މިނިސްޓަރު މުޚްތާރު އައްބާސް ނަގްވީ ވިދާޅުވީ އެ ބަދަލު ގެނައީ މައިނޮރިޓީ މީހުންނަށް ލިބޭ ހައްގުތައް ވަރުގަދަ ކުރަން ކަމަށެވެ.

"ހައްޖު ސަބްސިޑީ ދެން ބޭނުން ކުރާނީ މައިނޮރީ ކޮމިނިއުނިޓީތަކުގެ އަންހެނުން ބާރުވެރި ކުރުވަން،" ދިއްލީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަގްވީ ވިދާޅުވި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ވަނީ ސަބްސިޑީ އަހަރުން އަހަރަށް ދަށް ކުރަން ސަރުކާރަށް އަންގައިފަ އެވެ. އަދި 2022 ވަނަ އަހަރާ ހަމައަށް ދާ އިރު ސަބްސިޑީ ހުއްޓާލަން ވަނީ އަންގައިފަ އެވެ.

ސަރުކާރުގެ އެ ނިންމުމަށް އިންޑިއާގެ މުސްލިމް ގްރޫޕްތަކުން ވަނީ މަރްހަބާ ކިޔައިފަ އެވެ. އޯލް އިންޑިއާ މުސްލިމް މަޖިލިސް މުޝާވަރާތުގެ ރައީސް ނަވައިދު ހާމިދު ވިދާޅުވީ އެއީ މުސްލިމް ކޮމިއުނިޓީތަކުން ކުރިންސުރެ ކުރަމުންދިޔަ ޑިމާންޑެއް ކަމަށެވެ.

"މި ސަބްސިޑީގެ ސަބަބުން މުސްލިމުންނާ މެދު ވަރަށް ބޮޑެތި ތުހުމަތުކޮށް ދޮގުތައް ދިޔައީ ފަތުރަމުން،" ހާމިދު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ދިޔައީ 1954 ވަނަ އަހަރުން ފެށިން ފަގީރު މުސްލިމުންނަށް ހައްޖު ސަބްސިޑީ ދެމުންނެވެ. ދެހާސް ތޭރަ ވަނަ އަހަރު ވަނީ ސަބްސިޑީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދީފަ އެވެ. އަދި 2016 ވަނަ އަހަރު ވަނީ 75 މިލިއަން ޑޮލަރަށް ސަބްސިޑީ ކުޑަކޮށްފަ އެވެ. މުސްލިމުންނަށް ސަބްސިޑީ ދެނީ އެއާލައިން ފެއާގެ ތެރޭންނެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހައްޖު ސަބްސިޑީ އަކީ އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އަށް ލިބޭ ބޮޑު ފައިދާއެކެވެ.

އިންޑިއާ ސަރުކާރުން ބުނީ މި އަހަރު އެ ގައުމުން ރެކޯޑް އަދަދެއް ކަމަށްވާ 175،000 މީހުން ހަައްޖަށް ދާނެ ކަމަށެވެ.