މާބޮޑަށް ތެޅެން ފެށި މެލޭޝިއާ އެއާލައިންސްގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ސިޑްނީ (ޖެނުއަރީ 19) - ޓެކްނިކަލް މައްސަލައެއް ދިމާވެ މާބޮޑަށް ބޯޓު ތެޅެން ފެށުމުން މެލޭޝިއަން އެއާލައިންސްގެ ފްލައިޓެއް ކުއްލި ހާލަތުގައި އަނބުރާ އޮސްޓްރޭލިއާ އަށް އިއްޔެ ޖައްސައިފި އެވެ.


ސިޑްނީން ކުއާލަ ލަމްޕޫރަށް ދަތުރުކުރި އެމްއެޗް122 ގެ ފްލައިޓް އެލިސް ސްޕްރިންސް އެއާޕޯޓަށް ސަލާމަތުން ޖެއްސި އިރު ބޯޓުން 224 މީހުން ދަތުރު ކުރި އެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ބޯޓުން ދަތުރު ކުރި ބައެއް މީހުން ބުނީ ގަދަ އަޑެއް އިވުމަށް ފަހު ބޯޓު ވަނީ އާދަޔާޚިލާފަށް ތެޅެން ފަށައިފައި ކަމަށެވެ.

މެލޭޝިއާ އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނީ ބޯޓުގެ އެއް އިންޖީނަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ބޯޓު އަނބުރާ ޖައްސާފައިވާ ކަމަށެވެ. އަދި އަބަދުވެސް އެންމެ އިސްކަން ދެނީ ޕަސިންޖަރުންގެ ސަލާމަތަށް ކަމަށް ވަނީ ބުނެފަ އެވެ.

ބޯޓުން ދަތުރު ކުރި ޕަސިންޖަރެއް ކަމަށްވާ ސަންޖީވް ޕަންޑޭ ބުނީ އެއާބަސް އޭ330-300 ގެ ބޯޓަށް މައްސަލަ ދިމާވީ ބޯޓު ނައްޓާލިތާ ގާތްގަނޑަކަށް ހަތަރު ގަޑިއެއްހާ އިރު ފަހުން ކަމަށެވެ. ބީބީސީ އަށް އޭނާ ބުނީ ބޯޓުގެ ތެޅުން ވަރުގަދަވެ އަޑުފައްގަނޑު ވެސް ދިޔައީ ގަދަވަމުން ކަމަށެވެ.

މެލޭޝިއާ އެއާލައިންސްގެ ބޯޓު ވަނީ ކުއްލި ހާލަތުގައި އެލިސް ސްޕްރިންސް އަށް ޖައްސާފައި. --ފޮޓޯ:ސަންޖީވް

"އެއީ ވަރަށް ބިރުވެރި ވަގުތެއް. އެއް ބަޔަކު ދިޔައީ ރޮވުން. އަނެއް ބަޔަކު ދިޔައީ ދުއާ ކުރަމުން،" އޭނާ ބުންޏެވެ.

މައްސަލަ ދިމާވި ބޯޓުން ދަތުރުކުރި ޕަސިންޖަރުން އެ އެއާލައިނުގެ އެހެން ފްލައިޓެއް ކަމަށްވާ އެމްއެޗް148 ގައި ކުއާލަ ލަމްޕޫރަށް މިއަދު ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމްސްޓެޑަމުން ފުރައިގެން ޖުލައި 2014 ގައި ކުއާލަ ލަމްޕޫރަށް ދަތުރު ކުރި މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 އަށް ޔޫކްރޭނު މަތިން މިސައިލް ހަމަލާއެއް އަރާ ބޯޓުން ދަތުރުކުރި 298 މީހުން ވަނީ މަރުވެފަ އެވެ. އަދި އެ އަހަރުގެ މާޗު މަހު ކުއާލަ ލަމްޕޫރުން ބެއިޖިން އަށް ދަތުރު ކުރި އެމްއެޗް370 ވަނީ ގެއްލިފަ އެވެ. އެ ބޯޓުން 239 މީހުން ދަތުރު ކުރި އެވެ. ބޯޓު ހޯދަން ކުރާ މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެ އެވެ.