ޒައިނަބުގެ ގާތިލުން ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފި

އިސްލާމްއާބާދު (ޖެނުއަރީ 20) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ރަހުމްކުޑަ ގޮތަކަށް މަރާލި ހަތް އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލުން ކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ޒައިނަބް ކިޑްނެޕްކުރީ މި މަހު 4 ވަނަ ދުވަހު އެވެ. އެ ކުއްޖާ މަރާލާފައި ކުނިގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މި މަހު 9 ވަނަ ދުވަހު އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޒައިނަބުގެ މަރަށް ތުހުމަތު ކުރެވޭ މީހުން ހޯދާފައި ވަނީ ތަހުގީގު ކުރާ ފަރާތްތަކުން ހޯދި ހުސް ފޮށިގަނޑެއްގެ އެހީގަ އެވެ. ޒައިނަބް މަރާލާފައި އެއްލާފައި އޮތް ތަނާ ކައިިރިން ހޯދި ފޮށިގަނޑުގެ ފޮރެންސިކް ތަހުލީލުތައް ކުރުމަށް ފަހު ބައެއް ހެކިތައް ވަނީ ނަގައިފަ އެވެ. ޒައިނަބުގެ ގާތިލުން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރޭން އެކަކެއްގެ މައްޗަށް ވަނީ ރޭޕުގެ އެހެން ހަ މައްސަލައެއްގައި ތުހުމަތުކޮށްފަ އެވެ.

ޒައިނަބުގެ މަރާ ގުޅިގެން ފުލުހުން ވަނީ 1،300 އަށް ވުރެ ގިނަ މީހުންނާ ސުވާލު ކޮށްފަ އެވެ. މީގެ ތެރޭން ގިނަ މީހުން ވަނީ ޑީއެންއޭ ދިމާނުވާތީ ދޫކޮށްލައިފަ އެވެ.

ޒަައިނަބުގެ ގާތިލް ނުހޯދި އުޅެނިކޮށް ޕާކިސްތާނުގައި ވަނީ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރާލާފައި ވަނިކޮށް ފެނިފަ އެވެ.