ރޮހިންޖާ ރެފިއުޖީން މިއަންމާ އަށް ފޮނުވުން މަޑުޖެހިއްޖެ

ޑާކާ (ޖެނުއަރީ 22) - ބަންގްލަދޭޝް އަށް އެތެރެވެފައިވާ ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ފޮނުވުން މަޑުޖައްސާލަން ޖެހިއްޖެ އެވެ.


ބަންގްލަދޭޝް އިން ކުރިން ރާވާފައި ވަނީ މާދަމާ އިން ފެށިގެން ރެފިއުޖީން އަނބުރާ މިއަންމާ އަށް ފޮނުވުމަށެވެ. ބަންގްލަދޭޝް އާއި މިއަންމާ އިން ވަނީ ރެފިއުޖީންގެ މައްސަލަ ދެ އަހަރު ތެރޭ ހައްލު ކުރުމަށް ޓައިމްލައިނެއް ކަނޑައަޅައިފަ އެވެ. ނަމަވެސް ބަންގްލަދޭޝްގެ ރެފިއުޖީ ރިލީފް އެންޑް ރިޕާޓްރިއޭޝަން ކޮމިޝަނާ މުހައްމަދު އަބުލް ކަލާމް ވިދާޅުވީ ވަރަށް ގިނަ ތައްޔާރީތައް އަދިވެސް އެބަހުރި ކަމަށާއި ރެފިއުޖީން މިއަންމާ އަށް ފޮނުވުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން މިއަންމާ އަށް އެތެރެވި ރެފިއުޖީންގެ އަދަދު ވަނީ 688،000 އަށް އަރައިފަ އެވެ. ރެފިއުޖީންގެ ގިނަ އަދަދެއްގެ ބަޔަކު ބަންގްލަދޭޝް އަށް އެތެރެވެފައި ވަނީ މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި ވަރަށް އަނިޔާވެރި އަމަލުތައް ހިންގަން ފެށުމުންނެވެ.

ރެފިއުޖީން އަނބުރާ ގެންދަން ނިންމި ނަމަވެސް ބައެއް ރެފިއުޖީން ދަނީ އެ މީހުން އަނބުރާ ހިނގައްޖެ ނަމަ ފުރާނަ އަށް ނުރައްކާ އޮތް ކަމަށް ބުނަމުންނެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަމުން ދަނީ ރެފިއުޖީން ގެންދިއުން ވާން ޖެހޭނީ ވޮލަންޓަރީ ކަމަކަށް ކަމަށެވެ. ބަންގްލަދޭޝް އިން ބުނަމުން ދަނީ ރެފިއުޖީން އަނބުރާ ފޮނުވާނީ އެ މީހުންގެ ރުހުމުގައި ކަމަށެވެ.

ރޮހިންޖާގެ ސީނިއާ ފަސް ލީޑަރަކު އިއްޔެ ވަނީ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީއާ ބައްދަލުކޮށްފަ އެވެ. އަދި ރެފިއުޖީން ބޭނުންވާ ކަންކަން މިހާރު ވަނީ ރެޕަޓުއާ އަށް ހުށަހަޅައިފަ އެވެ.