މަހެއްހާ ދުވަސްތެރޭ އެމްއެޗް370 ހޯދޭނެ ކަމުގެ އުއްމީދު ބޮޑު

ކުއާލަ ލަމްޕޫރު (ޖެނުއަރީ 24) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް370 މަހެއްހާ ދުވަހު ތެރޭ ހޯދޭނެ ކަމަށް ބޯޓު ހޯދުމުގެ މަސައްކަތާ މިހާރު ހަވާލުވެފައިވާ އެމެރިކާ ކުންފުނީގެ ތަޖްރިބާކާރަކު ބުނެފި އެވެ.


އެމެރިކާގެ އޯޝަން އިންފިނިޓީން ބޯއިން 777 ގެ ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

"މަސައްކަތް ފަށާތާ މަހެއްހާ ދުވަސްތެރޭ ބޯޓު ހޯދޭނެކަމުގެ އުއްމީދު ވަރަށް ބޮޑު،" އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންޓިފިކް ރިސާޗް އެޖެންސީގެ އޯޝަނޯގްރާފާ ޑޭވިޑް ގްރިފިން ވިދާޅުވި އެވެ.

އެމްއެޗް370 ހޯދަން އޯޝަން އިންފިނިޓީ އަށް މެލޭޝިއާ އިން ދީފައި ވަނީ ތިން މަސް ދުވަހެވެ.

މެލޭޝިއާ ސަރުކާރާ އެކު އެއްބަސްވެފައިވާ ގޮތަށް ބޯޓު ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނެ އެންމެ ބޮޑު އަގަކީ 70 މިލިއަން ޑޮލަރެވެ. އެމްއެޗް370 ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭ އަގު ކަނޑައަޅާނީ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފައި ކަމަށެވެ. މި ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ. އެމްއެޗް370 ހޯދައިދޭން ތިން ކުންފުންޏަކުން ހުށަހެޅި އެވެ.

އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ބަލާނީ ކުޑަ ސަރަހައްދެކެވެ. އެއީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރު (9،700 އަކަ މޭލު)ގެ ސަރަހައްދެކެވެ.

އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ. އެކަމަކު އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް ޖަމިއްޔާ އިން މިދިޔަ އެޕްރީލް މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާކުރެވެނީ ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދުގެ އުތުރުގައި ކަމަށެވެ.

މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

އޯޝަން އިންފިނިޓީން ބުނީ ކަނޑުއަޑި ބެލުމުގެ އެންމެ ފަހުގެ ވަސީލަތްތައް އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އޯޝަން އިންފިނިޓީގައި ކަނޑުއަޑި ބަލާ ހަ ވެހިކަލްގެ ފްލީޓެއް އޮވެ އެވެ. އެ ވެހިކަލްތަކުން ސީބެޑުގެ ޑޭޓާ 6،000 މީޓަރު (20،000 ފޫޓު) އަޑިން ހޯދެ އެވެ.