އިޒްރޭލާ ގުޅުން އޮންނަ 206 ކުންފުނީގެ މައްސަލަ ބަލަނީ

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 1) - ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަށް އިޒްރޭލުން ހިންގާ މަޝްރޫއާ ގުޅުން އޮންނަ 206 ކުންފުނީގެ މައުލޫމާތު އެއްކުރަމުންދާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ އޮފީހުން ބުނެފި އެވެ.


ކުންފުނިތަކުގެ ލިސްޓް ތައްޔާރު ކުރަނީ ހިއުމަން ރައިޓްސް ކައުންސިލުން 2016 ވަނަ އަހަރު ފާސްކުރި ގަރާރަކާ ގުޅިގެންނެވެ. އެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް އިޒްރޭލުން ހަދާ ގެދޮރުގެ މަޝްރޫއާ ގުޅުން އޮންނަ ކުންފުނިތަކުގެ ޑޭޓާބޭސްއެއް ތައްޔާރު ކުރުމަށް ގޮވާލައިފަ އެވެ. ކުންފުނިތަކުގެ ލިސްޓް އާއްމު ކުރާނީ މާޗް މަހު ކަމަށް ބެލެވެ އެވެ.

ކައުންސިލްގެ މަސައްކަތް އިޒްރޭލުގެ އދ.ގެ މަންދޫބު ޑެނީ ޑެނޮން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ކުންފުނިތަކުގެ ލިސްޓް ހުއްޓުވުމަށް އިޒްރޭލާ ގުޅުން އޮންނަ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިޒްރޭލާ އެންމެ ބޮޑަށް ގުޅުން އޮންނަ އެމެރިކާގެ މަންދޫބު ނިންކީ ހޭލީ ވިދާޅުވެފައި ވަނީ ކުންފުނިތަކުގެ ލިސްޓް ތައްޔާރު ކުރުންވާނީ ވަގުތު ބޭކާރު ކުރުމަކަށް ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނާގެ އޮފީހުން ބުނެފައިވާ ގޮތުގައި 206 ކުންފުނީގެ ތެރޭން 143 ކުންފުނި ގާއިމްކޮށްފައި ވަނީ އިޒްރޭލުގައި ކަމަށެވެ. އަދި އެމެރިކާގެ 22 ކުންފުނި ހިމެނޭ އިރު ޖަރުމަނުގެ ހަތް ކުންފުންޏާއި ނެދަލޭންޑްސްގެ ފަސް ކުންފުނި އަދި ފްރާންސްގެ ހަތަރު ކުންފުނި ލިސްޓުގައި ހިމެނެ އެވެ.

ހުޅަނގު އައްސޭރި އާއި ގުދުސްގައި އިޒްރޭލުން ވަނީ ހަ ލައްކަ ޔަހޫދީން ވަޒަންވެރި ކުރުވައިފަ އެވެ.