އެމިރޭޓްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި މައްސަލަ ވެސް ތަހުގީގު ކުރާނެ.
04 ފެބުރުއަރީ 2018
ކޮލަމްބޯ (ފެބްރުއަރީ 4) - ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީ ލަންކަންގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ސަރުކާރުން އަންގައިފި އެވެ.
ސްރީ ލަންކަންގެ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ މިހާރު ވަނީ ފަސް މެންބަރުންގެ ޕެނަލެއް އުފައްދަވައިފަ އެވެ. ޕެނަލުން ބަލާނީ 2006-2008 އަށް ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކެވެ. އޭގެ ތެރޭގައި އެމިރޭޓްސްއާ އެކު ގާއިމްކުރި މެނޭޖްމަންޓް އެއްބަސްވުން އުވާލި ސަބަބު ވެސް ބަލާނެ އެވެ.
އެއާ ލަންކާގެ ނަމުގައި 1979 ވަނަ އަހަރު އުފެއްދި އެއާލައިނަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމާ ހަމައަށް ދިޔައީ ފައިދާވަމުންނެވެ. އެމިރޭޓްސްއާ އެކު ގާއިމްކުރި އެއްބަސްވުން އުވާލީ 2005 އިން 2015 އަށް ވެރިކަން ކުރެއްވި ރާޖަޕަކްސާގެ ވެރިކަމުގަ އެވެ. ދެހާސް އަށް ވަނަ އަހަރު އެ އެއްބަސްވުން އުވާލީ ލަންޑަނުން ކޮލަމްބޯ އަށް ދަތުރު ކުރަން އޮތް ސްރީ ލަންކަންގެ ފްލައިޓުން ރާޖަޕަކްސާގެ އާއިލާ މެންބަރުންތަކަށް ސީޓް ނުދިނުމުން ކަމަށްވެ އެވެ. އެކަމާ ހިތްހަމަޖެހިވަޑައިނުގެން ރާޖަޕަކްސާ ވަނީ އެމިރޭޓްސް އިން އައްޔަންކޮށްފައިވާ ސްރީ ލަންކަންގެ ސީއީއޯ ވަކިކޮށް ރާޖަޕަކްސާގެ ޅިޔަނަކަށް ސީއީއޯކަން ދެއްވައިފަ އެވެ. އޭވިއޭޝަން ދާއިރާގެ އެއްވެސް ތަޖްރިބާއެއް ނެތް ބޭފުކަށް އެއާލައިން ހިންގަން ހަވާލުކުރި ފަހުން ސްރީ ލަންކަން އަށް ވަނީ ގެއްލުން ވާން ފަށައިފަ އެވެ. އެއާލައިނުގެ ދަރަނި މިހާރު ވެސް 3.2 ބިލިއަން ޑޮލަރަށް އަރަ އެވެ.
ސްރީ ލަންކަން 1998 ވަނަ އަހަރު ޕްރައިވެޓައިޒްް ކުރުމުން އެ އެއާލައިނުގެ 43.6 ޕަސެންޓް ހިއްސާ އެމިރޭޓްސް އިން ގަތީ 70 މިލިއަން ޑޮލަރު ދެއްކުމަށް ފަހު އެވެ. އެއާލައިނުގައި އޮތް އެމިރޭޓްސްގެ ހިއްސާ ފަހުން ވަނީ ލަންކާ ސަރުކާރުން ގަނެފަ އެވެ.
ރާޖަޕަކްސާގެ ވެރިކަމުގައި އެއާލައިނަށް އެއާބަސްގެ އާ ބޯޓެއް ދެ ބިލިއަން ޑޮލަރަށް ގަތް މައްސަލައިގެ ޖިނާއީ ތަހްގީގެއް ވެސް ވަނީ ފަށައިފަ އެވެ. ސްރީ ލަންކަންގެ ދަރަނި ބޮޑުވުމުން ސަރުކާރުން މިހާރު ދަނީ އާ ޕާޓްނަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ރާޖަޕަކްސާގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް އަވަސް ކުރަން ލަންކާ ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ ޚާއްސަ ކޯޓުތަކެއް އުފައްދައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް