ނުރައްކާތެރި އެކްސިޑެންޓެއްގައި މޯދީގެ އަނބިކަނބަލުން ސަލާމަތްވީ ކިރިޔާ

ނިއު ދިއްލީ (ފެބްރުއަރީ 7) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަނބިކަނބަލުން ޖަޝޮދަބެން ނުރައްކާތެރި އެކްސިޑެންޓަކުން މިއަދު ސަލާމަތްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ޖަޝޮދަބެންއާ މޯދީ ކައިވެނި ބައްލަވައިގެންނެވި ނަމަވެސް އެ ބޭފުޅުން ދިރިއުޅުއްވަނީ ވަކިންނެވެ.

ހުޅަނގުގެ ރާޖަސްތާން ސްޓޭޓުގެ ހައިވޭއެއްގައި ހިނގި އެކްސިޑެންޓުގައި ޖަޝޮދަބެންގެ ތިމާގެ މީހަކު މަރުވި ކަމަށް އޮފިޝަލުން ބުނެ އެވެ. އެކްސިޑެންޓުގައި ވަނީ ޖަޝޮދަބެން އާއި އޭނާގެ ބޮޑީގާޑް އަދި ޑްރައިވަރަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފަ އެވެ. ވެހިކަލްގައި ހަތް މީހުން ދަތުރު ކުރި އެވެ. އެކްސިޑެންޓްވީ ޖަޝޮދަބެން ދަތުރު ކުރި ވެހިކަލް ޓްރަކެއްގައި ޖެހިގެންނެވެ.

މޯދީގެ އަނބިކަނބަލުން ދުއްވި ވެހިކަލް އެކްސިޑެންޓްވި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި.

ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ޖަޝޮދަބެން 1967 ވަނަ އަހަރު މޯދީއާ ކައިވެނި ކުރެއްވީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ. އެކަމަކު ދެބޭފުޅުން ދިރިއުޅުއްވަނީ އެކުގައެއް ނޫނެވެ. އިންޓަވިއުތަކުގައި ޖަޝޮދަބެން ވިދާޅުވެފައި ވަނީ މޯދީއާ ކައިވެނި ކުރެއްވިތާ ތިން އަހަރު ފަހުން ދެ މީހުން ވަކިވެފައިވާ ކަމަށެވެ. އަދި ދެ މީހުން އެކުގައި އުޅުއްވުނީ ތިން މަސް ދުވަހު ކަމަށް ވެސް ޖަޝޮދަބެން ވިދާޅުވި އެވެ.

މޯދީ ވެސް 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވަނީ ކައިވެންޏެއް ކުރައްވާފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. މޯދީގެ ކައިވެންޏާ ބެހޭ މައުލޫމާތު އާއްމު ކުރެއްވީ ބީޖޭޕީގެ ބޮޑު ވަޒީރު ކަމަށް ކުރިމަތި ލެއްވި އިރު އެވެ.

އަނބިކަނބަލުން ދޫކުރައްވާ ވަކިން އުޅުއްވާތީ މޯދީ އަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފަ އެވެ.