ރޭލް ޓްރެކުގައި ސެލްފީ ނެގި މީހަކު ރޭލުން ޖެހި މަރުވެއްޖެ

ބެންކޮކް (ފެބްރުއަރީ 9) - ތައިލެންޑުގައި ރޭލް ޓްރެކެއްގައި ރޭލް އަންނަ މަންޒަރާ އެކު ސެލްފީ ނެގި އަންހެނަކު މަރުވެއްޖެ އެވެ.


ފުލުހުން ބުނީ ރާބޮއިގެން މަސްތު ހާލުގައި ހުރި އަންހެން މީހާ އޭނާގެ ރަހުމަތްތެރިއަކާ އެކު ސެލްފީ ނަގަން އުޅުނީ ރޭލާ އެކު ކަމަށެވެ. ނަމަވެސް ޖެހިގެން އޮތް ޓްރެކުން ދަތުރުކޮށްފައި އައި ރޭލު އެ މީހުންނަށް ނުފެނުނީ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި 24 އަހަރުގެ އަންހެން މީހާގެ ފައި ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. އޭނާގެ ރަހުމަތްތެރިޔާ ސަލާމަތްވި ނަމަވެސް އޭނާ އަށް ވެސް ވަނީ ބޮޑެތި ޒަޚަމްތައް ލިބިފަ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބެންކޮކުގެ ސަމްސެން ރޭލް ސްޓޭޝަނުގައި އިއްޔެ ހެނދުނު އެވެ. ފުލުހުން މިހާރު ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ނުރައްކާތެރި ތަންތަނުގައި ސެލްފީ ނަގަން އުޅެނިކޮށް މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދަތުރުކޮށްފައި އައި ރޭލަކާ އެކު ސެލްފީ ނަގަން އުޅެނިކޮށް ހައިދަރުއާބާދުގައި މިދިޔަ މަހު ވަނީ މީހަކު މަރުވެފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ކަރްނާޓަކާގައި ރޭލަކާ އެކު ސެލްފީ ނަގަން އުޅުނު ތިން ކުދިން ވަނީ ރޭލް ދަށުވެ މަރުވެފަ އެވެ. އަދި ދިއްލީގެ ރޭލް ޓްރެކެއްގައި ސެލްފީ ނަގަން އުޅުނު ދެ ކުއްޖަކު ވެސް ވަނީ ރޭލުން ޖެހި މަރުވެފަ އެވެ.