ގުދުސްގެ މައްސަލާގައި ކުރާނެ މަޝްވަރާއެއް ނޯންނާނެ: ޓްރަމްޕް

ވޮޝިންޓަން (ފެބްރުއަރީ 12) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަށް އެމެރިކާ އިން ނިންމާ ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ނިންމި ނިންމުމަކީ މަޝްވަރާގެ މޭޒަށް ގެނެވޭނެ ކަންކަން ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


"ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގެ ޔަގީންކަން ދެން،" އިޒްރޭލުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ސްވިޒަލެންޑުގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރޭގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާ ޓްރަމްޕް ވަނީ ގުދުސްގެ މައްސަލާގައި ދެން ކުރާނެ މަޝްވަރާއެއް ނޯންނާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ އުސޫލުތައް މުގުރާލުމަށް ފަހު ޑިސެމްބަރު 6 ވަނަ ދުވަހު ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އިއުލާން ކުރައްވައިފަ އެވެ. ޓްރަމްޕުގެ ނިންމުމާ ގުޅިގެން މުޅި ދުނިޔޭގެ ނުރުހުން ވަނީ އަމާޒުވާން ފަށައިފަ އެވެ.

އިރުމަތީ ގުދުސް އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިޒްރޭލުން ވަނީ ގުދުސް ވެރިކޮށްލައިފަ އެވެ. ފަލަސްތީނުން ވެސް ބުނެފައި ވަނީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ ގުދުސް ކަމަށެވެ. އިރުމަތީ ގުދުސްގެ 86 ޕަސެންޓް މިހާރު ވަނީ އިޒްރޭލާއި ޔަހޫދީ ވަޒަންވެރިންގެ ސީދާ ބާރުގެ ދަށުގަ އެވެ.