ލަންކާ ސަރުކާރު އިސްތިއުފާ ދިނުމަށް ރާޖަޕަކްސާ ގޮވާލައްވައިފި

ކޮލަމްބޯ (ފެބްރުއަރީ 13) - ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އެ ކޯލިޝަން ވެރިކަމުގައި އޮތުމުގެ ހައިސިއްޔަތެއް މިހާރު ނެތް ކަމަށާއި ވީހާވެސް އަވަހަކަށް އިންތިޚާބު ބޭއްވުމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ގޮވާލައްވައިފި އެވެ.


ހޮނިހިރު ދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި ރާޖަޕަކްސާގެ އާ ޕާޓީ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ - އެސްއެލްޕީޕީ ނުވަތަ ޕީޕަލްސް ފްރަންޓް ވަނީ ތިން ބައިކުޅަ ދެބައި ކައުންސިލް ކާމިޔާބުކޮށްފަ އެވެ.

"ސަރުކާރު ވެރިކަމުގައި ދެމިއޮތުމުގެ މޭންޑޭޓެއް މިހާރު ނެތް،" ދެހާސް ވަނަ އަހަރުގެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ރާޖަޕަކްސާ ވިދާޅުވި އެވެ. "އަވަސް އިންތިޚާބެއް ބޭއްވުމަށް ލަންކާގެ ރައީސް އަށް ގޮވާލަން."

ރާޖަޕަކްސާގެ ޕާޓީ ވަނީ ހުރިހާ ސަރަހައްދުތަކެއްގެ ވެސް ކައުންސިލްތައް ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި ރާޖަޕަކްސާގެ ވެރިކަމުގައި، ލަންކާގެ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައުމަށް ތަމަޅަ ޓައިގަރުން ބަލިކުރި އުތުރުގެ ހިސާބުތައް ވެސް ހިމެނެ އެވެ.

ރާޖަޕަކްސާ ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބަކީ ލަންކާ ސަރުކާރުން ގެންނަން ބުނި ވައުދުތަކަށް ރައްޔިތުން ދިން ޖަވާބު ކަމަށެވެ.

"ގައުމު ބައިބައި ކުރުމާ ދެކޮޅަށް ރައްޔިތުން އެ ވަނީ ވޯޓުދީފައި،" ރާޖަޕަކްސާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް ނަތީޖާތައް ދައްކާ ގޮތުން ރާޖަޕަކްސާގެ ޕާޓީން ވަނީ 340 ކައުންސިލްގެ ތެރޭން 225 ކައުންސިލް ކާމިޔާބު ކޮށްފަ އެވެ. ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ލިބުނީ 41 ކައުންސިލެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާގެ ފްރީޑަމް އެލަޔަންސް އަށް ކާމިޔާބު ކުރެވުނީ 11 ކައުންސިލެވެ.

މިޑް-ޓާމް ޓެސްޓެއްގެ ގޮތުގައި ބެލެވުނު ލޯކަލް ކައުންސިލް އިންތިޚާބުން ވެރިކަންކުރާ ކޯލިޝަނަށް ނާކާމިޔާބުވި އިރު ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލްއާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ސިރިސޭނާ އާއި ރަނިލް ކެމްޕޭން ކުރައްވާފައި ވަނީ އެ ބޭފުޅުންގެ ޕާޓީތަކަށް ވަކިވަކިންނެވެ.