މެލޭޝިއާގެ ބޮޑު ވަޒީރުގެ ކާޓޫނު ކުރެހި މީހާ ޖަލަށް

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 21) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް ޖޯކު ޖަހާ ކާޓޫނު ކުރެހި އެ ގައުމުގެ އާޓިސްޓަކު ޖޫރިމަނާކޮށް ޖަލަށްލައިފި އެވެ.


ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތުކުރި ކޮރަޕްޝަނުގެ މައްސަލަތަކުގައި އޭނާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ވަނީ ފަހުމީ ރިޒާގެ ކާޓޫ ބޭނުންކޮށްފަ އެވެ. ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައި ވަނީ މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކަކުން ނަޖީބުގެ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.

ފަހުމީގެ ވަކީލް ވިދާޅުވީ ހުކުމާ މެދު އޭނާ ހިތާމަކުރާ ކަމަށާއި އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށެވެ. އާޓިސްޓް ފަހުމީ އެއް މަހަށް ޖަލަށް ލުމުގެ އިތުރުން އޭނާ ވަނީ 30،000 ރިންގިޓް (7،700 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ. ފަހުމީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މީހެއްގެ އަބުރަށް ހުތުރުވާ ކަހަލަ ކޮންޓެންޓް އޮންލައިންކޮށް އާއްމު ކުރުމުންނެވެ.

ފަހުމީ ހައްޔަރުކުރީ 2016 ވަނަ އަހަރު އެވެ. އޭނާއާ އެކު ވަނީ އިދިކޮޅު ލީޑަރުންތަކަކާއި އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފަ އެވެ. 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ 4.5 ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލާގައި ނަޖީބަށް ނެގެޓިވްކޮށް ޚަރަބު ގެނެސްދޭ ބައެއް ވެބްސައިޓްތައް ވަނީ ބަންދުކޮށްފަ އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުކަން ނަޖީބު ކުރައްވާތާ ނުވަ އަހަރު ވެއްޖެ އެވެ. އަންނަ އޮގަސްޓް މަހު އެ ގައުމުގައި އިންތިޚާބު ބާއްވާނެ ކަމަށްވެ އެވެ.