މިއަންމާ އަށް ގެންދާ ރޮހިންޖާ މީހުންގެ ލިސްޓް ހަވާލުކޮށްފި

ޑާކާ (ފެބްރުއަރީ 21) - ދެ ގައުމުގެ މެދުގައި މިދިޔަ އަހަރު ފަހުކޮޅު ގާއިމްކުރި އެއްބަސްވުމުގެ ދަށުން މިއަންމާ އަށް ފުރަތަމަ ގެންދާ ރޮހިންޖާ މުސްލިމުންގެ 8،000 މީހުންގެ ލިސްޓް ބަންގްލަދޭޝް އިން މި ހަފުތާގައި ހަވާލުކޮށްފި އެވެ.


ބަންގްލަދޭޝްގެ ދާޚިލީ ވަޒީރު އަސަދުއްޒަމާން، މިއަންމާގެ ދާޚިލީ ވަޒީރު ލެފްޓިނެންޓް ޖެނެރަލް ކިއާވް ސްވެ އަށް ލިސްޓް ހަވާލުކުރީ ދެ ގައުމުގެ އޮފިޝަލުން ޑާކާގައި ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

"މިއަންމާ އަށް އެންމެ ފުރަތަމަ ގެންދާ 1،673 އާއިލާގެ 8،032 މީހުންގެ ލިސްޓް މިއަންމާ އަށް ވަނީ ހަވާލުކޮށްފައި. މިއަންމާ އިން އެ ލިސްޓް ވަނީ ބަލައިގެންފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޚާން ވިދާޅުވި އެވެ.

މިއަންމާ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ގެންދަން ދެ ގައުމުން އެއްބަސްވެފައިވީ ނަމަވެސް އެކަން ލަސްވަމުން ދަނީ ތައްޔާރީތައް ފުރިހަމަނުވާ ކަމަށް ބުނެ އެވެ. ބަންގްލަދޭޝްގެ ރެފިއުޖީ ކޮމިޝަނާ އަބްދުލް ކަލާމް ވިދާޅުވީ ރެފިއުޖީން މިއަންމާ އަށް ގެންދިއުމަށް ޓްރާންސިޓް ކޭމްޕްތައް މިހާރު ހަދަން ފަށާފައިވާ ކަމަށެވެ.

މިއަންމާގެ ބައެއް ރެފިއުޖީން އަނބުރާ ދާން ދެކޮޅު ހަދަމުން ދަނީ އެ މީހުންނަށް ސަލާމަތީ ގޮތުން ރައްކާތެރިކަން ލިބޭނެކަމުގެ ގެރެންޓީ ނެތް ކަމަށް ބުނެ އެވެ.

ރޮހިންޖާ މުސްލިމުންގެ ހަ ލައްކަ އަށް ވުރެ ގިނަ މީހުން ބަންގްލަދޭޝް އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެތެރެވާން ފަށާފައި ވަނީ ރަކީން ސްޓޭޓުގައި ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.