ޓެރަރިޒަމާ ދެކޮޅަށް ބަންގްލަދޭޝްގެ 300،000 މިސްކިތުގައި ޚުތުބާ ދީފި

ޑާކާ (ޖުލައި 16) - ބަންގްލަދޭޝްގައި ހައްދު ފަހަނަޅާ ދިއުމުގެ ހަރަކާތްތައް އިތުރުވަމުންދާތީ އެ ގައުމުގެ ގާތްގަނޑަކަށް 300،000 މިސްކިތުގައި ޓެރަރިޒަމާ ދެކޮޅަށް އިއްޔެ ޚުތުބާ ދީފި އެވެ.


ސަރުކާރުން ހިންގާ އިސްލާމިކް ފައުންޑޭޝަނުން ލިޔުނު ޚުތުބާގައި ވަނީ ހައްގަކާ ނުލައި އެއްވެސް ނަފްސެއް މަރާލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށް ބުނެފަ އެވެ. އަދި ޒުވާން ކުދިންގެ ސިކުނޑިތައް ހައްދުފަހަނަޅާފައިވާ މީހުންގެ ދަލުގައި ޖެހެން ދޫކޮށް ނުލުމަށް ބެލެނިވެރިންނަށް ވަނީ ގޮވާލައިފަ އެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން ދިން ޓެރަރިސްޓް ހަމަލާގައި ޑާކާގެ ކެފޭއެއްގެ ތެރޭގައި ވަނީ 20 ރަހީނުން މަރާލައިފަ އެވެ. އަދި އީދު ނަމާދުގެ ބޮޑު ޖަމާއަތަށް މީހުން ޖަމާވެފައި ވަނިކޮށް ވެސް ވަނީ ހަމަލާ ދީފަ އެވެ.

ޑާކާގެ މިސްކިތުގެ ސަލާމަތީ ކަންކަން އިއްޔެ ވަނީ ވަރުގަދަކޮށްފައި. --ފޮޓޯ:ބީބީސީ

ބަންގްލަދޭޝްގެ ނޭޝަނަލް މިސްކިތުގެ އިމާމް މުހިއްދީން ގުއާޝަމް ބީބީސީ އަށް ބުނީ އެއްވެސް ނަފްސެއް މަރާލުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމުގެ މެސެޖް ޚުތުބާ މެދުވެރިކޮށް ދީފައިވާ ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ހުރިހާ މިސްކިތެއްގައި ޚުތުބާ ދޭ ގޮތަށް ބަންގްލަދޭޝް ސަރުކާރުން ނިންމީ ޓެރަރިޒާމާ ދެކޮޅަށް މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ. ނަމަވެސް އެއް ބަޔަކު ވަނީ މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެ މީހުން ބުނި ގޮތުގައި ޚުތުބާގައި ކިޔަން ޖެހޭނީ އިމާމުން ބޭނުންވާ އެއްޗެއް ކަމަށާއި ސަރުކާރުން ޚުތުބާ ކޮންޓްރޯލް ކުރުމުން ފައިދާއެއް ނުކުރާނެ ކަމަށެވެ.