ދެ ވަނަ ބޮޑު ހަނގުރާމައިގައި ފައްތާލި މަނަވަރެއް 76 އަހަރު ފަހުން ހޯދައިފި

ސިޑްނީ (މާޗް 6) - ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފައްތާލި އެމެރިކާގެ މަނަވަރެއް އޮސްޓްރޭލިއާ ކައިރިން ހޯދައިފި އެވެ.


ޔޫއެސްއެސް ލެޒިންޓަން ގެއްލިފައި ވަނީ މެއި 4-8، 1942 ގައި ކޮރަލް ސީގައި ކުރި ހަނގުރާމައިގަ އެވެ. އެ ހަނގުރާމައިގައި މަނަވަރުން 216 ފަޅުވެރިން މަރުވި އިރު 2،000 މީހުން ވަނީ ސަލާމަތްވެފަ އެވެ. ކޮރަލް ސީ ހަނގުރާމައަކީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ޕެސިފިކުގައި ޖަޕާނުގެ ކުރިއެރުން ހުއްޓުވި މުހިންމު ހަނގުރާމައެކެވެ. ޖަޕާނު ސިފައިން ބޮން އަޅާ އަދި ޓޯޕީޑޯތަކުން ހަމަލާ ދިނުމުން އެމެރިކާ ސިފައިން ވަނީ އެ މަނަވަރު ފައްތާލައިފަ އެވެ.

ފައްތާލި އެމެރިކާގެ މަނަވަރުގައި ހަރުކޮށްފައިވާ ބޮޑު ބަޑިއެއް. --ފޮޓޯ: ޕޯލް އެލަން

ލެޒިންޓަން ފެނިފައި ވަނީ އޮސްޓްރޭލިއާގެ އައްސޭރިން 800 ކިލޯ މީޓަރު ދުރުން ކޮރަލް ސީގެ ތިން ކިލޯ މީޓަރު (ދެ މޭލު) އަޑިންނެވެ.

މަނަވަރު ހޯދި ނަމަވެސް ފެންމައްޗަށް ނެގުމަށް މަސައްކަތެއް ނުކުރާނެ އެވެ. ސަބަބަކީ އެމެރިކާގެ ނޭވީން ދެކޭ ގޮތުގައި އެއީ ހަނގުރާމައިގެ ގަބުރުސްތާނެކެވެ.

އެމެރިކާގެ ނޭވީން ވެސް ވަނީ މަނަވަރު ފެނުނުކަން ޔަގީންކޮށްދީފަ އެވެ. މި މަނަވަރު ހޯދާފައި ވަނީ މައިކްރޯސޮފްޓުގެ ކޯ-ފައުންޑާ ޕޯލް އެލަން އިސްވެ ހަރަކާތްތެރިވި ސާޗް ޓީމަކުންނެވެ. އެލަންގެ ވުލްކަން ކުންފުނިން ކުރި މަސައްކަތުން ވަނީ މަނަވަރުގައިވާ ހަނގުރާމަ މަތީ 35 މަތިންދާ ބޯޓުގެ ތެރޭން 11 ބޯޓު ވެސް ހޯދައިފަ އެވެ.

އެމެރިކާގެ މަނަވަރު ފައްތާލީ ކޮރަލް ސީ ހަނގުރާމައިގައި. --ފޮޓޯ:ޕޯލް އެލަން

ލެޒިންޓަން ހޯދަން އެލަންގެ ކުންފުނިން ވަނީ ހަ މަސް ދުވަހު މަސައްކަތްކޮށްފަ އެވެ. އެލަންގެ ކުންފުނިން މިދިޔަ އަހަރު ވަނީ ޖުލައި 1945 ގައި ފައްތާލި ޔޫއެސްއެސް އިންޑިއާނާޕޮލިސް ވެސް ހޯދައިފަ އެވެ. ވުލްކަން އިން މީގެ ކުރިން ވަނީ ޖަޕާނުގެ މަނަވަރަކާއި އިޓަލީގެ މަނަވަރެއް ވެސް ހޯދައިފަ އެވެ.