ޕާކިސްތާނުގެ މޮޑެލް މަރާލި މީހާ ހައްޔަރުކޮށްފި

އިސްލާމްއާބާދު (ޖުލައި 17) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ގަންދީލް ބަލޮޗު މަރާލި އޭނާގެ ކޮއްކޮ ހައްޔަރުކޮށްފި އެވެ.


ޕާކިސްތާނުގެ މެދުތެރޭގެ ސަރަހައްދެއް ކަމަށްވާ ދެރަ ގާޒީ ޚާން އިން ވަސީމް ބަލޮޗް، 25، ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ. ޑޯން ނޫހުން ބުނީ ދައްތަ މަރާލި ކަމަށް ވަސީލް އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭނާ މަރާލީ އާއިލާ އަށް ހުތުރު އަރުވަމުންދާތީ ކަމަށް ވަސީލް ބުނެފައިވާ ކަމަށް ވެސް ނޫހުން ރިޕޯޓްކޮށްފައިވެ އެވެ. ބަލޮޗުގެ ކަރުގައި ހިފައިގެން މަރާލުމުގެ ކުރިން އޭނާ އަށް ބޭސް ގުޅައެއް ދިން ކަމަށް ވެސް ވަސީމް ވަނީ އެއްބަސްވެފަ އެވެ. ބަލޮޗުގެ މަންމަ އާއި ބައްޕަ ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޕާކިސްތާނުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ ގަންދީލް ބަލޮޗު. --ފޮޓޯ:އޭއެފްޕީ

ކަރާޗީގައި އުޅުމަށް ފަހު ޕަންޖާބަށް ބަލޮޗް ބަދަލުވީ ވެސް އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާ ބޮޑުވުމުން ކަމަށްވެ އެވެ. ޑޯން ނޫހުން ބުނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްދޭން ބަލޮޗް އެދިފައިވީ ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ. އުމުރުން 26 އަހަރުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ، ބަލޮޗް ދާދި ފަހުން ވަނީ މުފްތީއަކާ އެކު ސެލްފީއެއް ނެގުމުން ވެސް މައްސަލަ ބޮޑުވެފަ އެވެ. ޕާކިސްތާނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީން ވަނީ މުފްތީ އަބްދުލް ގާވީ ކުރި ކަންތަން ރަނގަޅު ނޫން ކަމަށް ބުނެ އެ ގައުމުގެ ހަނދު ބަލާ ކޮމިޓީން އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ. މުފްތީއާ އެކު ސެލްފީ ނެގުމުން ވެސް ކޮއްކޮ ވަސީމް ވަރަށް ރުޅިގަދަވި ކަމަށް އާއިލާ އިން ބުންޏެވެ.

ޕާކިސްތާނުގެ ދީނީ އިލްމުވެރިޔާ ގަންދީލްއާ އެކު ނެގި ސެލްފީ.

ބަލޮޗް މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަވީ 2014 ވަނަ އަހަރު އަޕްކުރި، ޖިންސީ ކަންކަމަށް ހިތްވަރު ދޭ ގޮތަށް ނަގާފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ.

އާއިލާ އަށް ބޭވަފާތެރިވާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އާއިލާ މީހުންގެ ހަމަލާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ޕާކިސްތާނުގައި މަރަ އެވެ.