ލަންކާގެ ހަމަނުޖެހުމުގައި ލިބުނު ގެއްލުމަށް ބަދަލު ދެނީ

ކޮލަމްބޯ (މާޗް 7) - ސްރީ ލަންކާގައި ހިންގާ ހަމަނުޖެހުންތަކުގައި ލިބުނު ގެއްލުމަށް ސަރުކާރުން ބަދަލު ދޭނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.


ލަންކާގެ މެދުތެރޭގެ ކެންޑީ އާއި ޑިގާނާ އަދި ތެލެޑެނިޔާގައި ބުޑިސްޓުންގެ ހަމަލާތަކުގައި މުސްލިމުންގެ ފިހާރަތަކަށް ވަނީ ބޮޑެތި ގެއްލުންތައް ދީފަ އެވެ. އަދި މިސްކިތްތަކުގައި ވަނީ ހުޅުޖަހައިފަ އެވެ. ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ހަމަނުޖެހުންތަކުގައި މީހުން މަރުވެ ތަކެއްޗަށް ގެއްލުން ދިނުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ހަމަނުޖެހުންތައް ހިންގުމުގައި ޒިންމާވާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

ލަންކާގައި ހަމަނުޖެހުންތައް ބޮޑުވެ އިއްޔެ އިން ފެށިގެން 10 ދުވަހަށް މިހާރު ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން ވެސް ލަންކާގައި އިއްޔެ ވަނީ މިސްކިތަކަށާއި ފިހާރައަކަށް ހަމަލާދީފަ އެވެ. ކެންޑީއާ ކައިރީގައި އޮންނަ މަޑަވަލަ އަވަށުގައި ދިރިއުޅޭ މީހަކު ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން ފިހާރައެއް އަންދާލާފައިވާ ކަމަށެވެ. ސްޕެއާ ޕާޓްސް ވިއްކާ އެ ފިހާރައަކީ މުސްލިމެއްގެ ތަނެއް ކަމަށް އޭނާ ބުންޏެވެ. ކެންޑީގެ އިރު އުތުރުން އޮންނަ ވައްޓެގަމަ އަވަށުގެ މިސްކިތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ކެންޑީ އަށް އިތުރު ސިފައިން ފޮނުވައިފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ކުރިން ކެންޑީގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

މިއީ ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފުރަތަމަ ފަހަރެވެ.