ލަންކާގައި ހަމަނުޖެހުން ބޮޑުވީ ފުލުހުން ފިޔަވަޅު ނޭޅުމުން

ކޮލަމްބޯ (މާޗް 7) - މުސްލިމުންނަށް އަމާޒުކޮށް ބުޑިސްޓުންދޭ ހަމަލާތައް ހައްދުން ނެއްޓި ގައުމުގައި ބޮޑު ހަމަނުޖެހުންގަނޑެއް ފެށިފައި ވަނީ ފުލުހުން ފިޔަވަޅު އަޅަން ނުކުޅެދުމުން ކަމަށް ސެންޓަ ފޯ ހިއުމަން ރައިޓްސް ސްރީ ލަންކާގެ އެގްޒެކެޓިވް ޑިރެކްޓަރު ރަޖީތު ކީރްތީ ޓެނަކޫން ވިދާޅުވެއްޖެ އެވެ.


"ސިންހަޅައިންގެ ހައްދުފަހަނަޅާފައިވާ ގްރޫޕްތައް ޓެލްޑެނިޔާ ޓައުނަށް 10 ޖަހާއިރު އެއްވަމުންދާ ކަމަށް ސޯޝަލް މީޑިއާ އިން އެނގޭ. އޭގެ ފަހުން 11 ޖެހިއިރު ވަނީ ބޮޑު ހަމަނުޖެހުމެއް ހިންގަން އުޅޭކަމަށް ބެލެވިފައި. މުސްލިމުންގެ ތަންތަން ހަލާކު ކުރަން ފެށީ 1 ޖެހިއިރު،" ޓެނަކޫން ވިދާޅުވި އެވެ.

މުސްލިމުންނަށް ދޭ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކެންޑީއަށެވެ. މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތައް ވަނީ ހަލާކު ކުރަން ފަށައިފަ އެވެ.

ނޭޝަނަލް ފްރޮންޓް ފޯ ގުޑް ގަވަނެންސް ޕާޓީގެ ސެކްރެޓަރީ ނަޖާހު މުހައްމަދު ވިދާޅުވީ ހަމަނުޖެހުން ހިންގަމުން ދަނީ ހަމައެކަނި ކެންޑީގައި ނޫން ކަމަށާއި މުޅި ގައުމުގައި ވެސް ހަމަނުޖެހުންތައް ހިންގަމުންދާ ކަމަށެވެ.

"ކުރީގެ ސަރުކާރުތަކުގެ ޒަމާނުގައި ވެސް މުސްލިމުން ތަޖްރިބާކުރި ކަންތައްތައް މިިހާރު ވެސް ކުރަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

ލަންކާގައި ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސެނާ (ބީބީއެސް) އެވެ.

ނަޖާހު މުހައްމަދު ވިދާޅުވީ ކެންޑީގައި ކާފިއު ހިންގާފައިވީ ނަމަވެސް ހަމަނުޖެހުންތަކަށް ހުއްޓުމެއް ނާންނަ ކަމަށެވެ.

މުސްލިމުންނަށް ދޭ ހަމަލާތައްް އިތުރުވުމުން ލަންކާގައި އިއްޔެ ވަނީ 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ކެންޑީ އަށް ވަނީ އިތުރު ސިފައިން ފޮނުވައިފަ އެވެ.

ލަންކާގައި މީގެ ކުރިން ވެސް ވަނީ ދީނީ ހަމަނުޖެހުންތައް ބޮޑުވެ މުސްލިމުންގެ ތަންތަނަށް ގެއްލުންދީފަ އެވެ. ޖޫން، 2014 ގައި ވަނީ އަލަތުގަމާގައި މުސްލިމުންނާ ދެކޮޅު ބޮޑު ކެމްޕޭނެއް ހިންގައިފަ އެވެ.