ލަންކާގައި ތިން ދުވަހަށް ސޯޝަލް މީޑިއާ ބްލޮކްކޮށްފި

ކޮލަމްބޯ (މާޗް 7) - ލަންކާގައި މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި މިހާރު ހިންގާ ކުރިމަތިލުންތައް ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސޯޝަލް މީޑިއާގައި އެ ގައުމުގައި ތިން ދުވަހަށް ބްލޮކްކޮށްފި އެވެ.


ސްރީ ލަންކާ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރުސީ) އިން ބުނީ ފޭސްބުކާއި ވައިބާ އަދި ވަޓްސްއަޕް ފަދަ ވަސީލަތްތައް ބަންދު ކުރީ ސަރުކާރުން އެދިގެން ކަމަށެވެ. ކެބިނެޓުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ބަންދު ކުރަން އެދުނީ މުސްލިމުންނަށް ހަމަލާ ދިނުމަށް ގޮވާލާ ފޭސްބުކުގައި މެސެޖްތައް ދައުރު ކުރަން ފެށުމުން ކަމަށެވެ.

"ހުރިހާ ސާވިސް ޕްރޮވައިޑާސް އަކަށް ވެސް ޓީއާރުސީން ވާނީ ފޭސްބުކާއި ވައިބާ އަދި ވަޓްސްއަޕް 72 ގަޑިއިރަށް ބަންދު ކުރަން އަންގާފައި،" ޓީއާރުސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ލަންކާގެ މެދުތެރޭ ހިސާބުތަކުގައި ދީނީ ހަމަނުޖެހުންތައް ބޮޑުވުމުން 10 ދުވަހުގެ މުއްދަތަށް އިއްޔެ އިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

މުސްލިމުންނަށް ހަމަލާ ދިނުމުގެ މައްސަލަ ބޮޑުވެފައި ވަނީ ފުލުހުން ފިޔަވަޅު އެޅުމުގައި ނުކުޅެދުމުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ލަންކާގައި މީގެ ކުރިން ވެސް ވަނީ ދީނީ ހަމަނުޖެހުންތައް ބޮޑުވެ މުސްލިމުންގެ ތަންތަނަށް ގެއްލުންދީފަ އެވެ. ޖޫން، 2014 ގައި ވަނީ އަލަތުގަމާގައި މުސްލިމުންނާ ދެކޮޅު ބޮޑު ކެމްޕޭނެއް ހިންގައިފަ އެވެ.