އަންހެނުންގެ ދުވަހު އެއާ އިންޑިއާގެ އަންހެން ކްރޫންގެ ފްލައިޓެއް ލަންކާ އަށް

ކުއާލަ ލަމްޕޫރު (މާޗް 8) - ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ހަރަކާތެއްގެ ގޮތުން މުޅިން އަންހެން ކްރޫންނާ އެކު އެއާ އިންޑިއާގެ ފްލައިޓެއް ލަންކާ އަށް މިއަދު ދަތުރުކޮށްފި އެވެ.


އިންޑިއާގެ ގައުމީ އެއާލައިނުން ބުނީ ކެޕްޓަން ވީ. ރޫޕާ އާއި ކެޕްޓަން ނިމިޝާ ގޮއެލްއާ އެކު ޗެންނާއީ އިން ކޮލަމްބޯ އަށް ދަތުރު ކުރުމަށް ފަހު އެ ފްލައިޓް ދެން ދަތުރު ކުރާނީ ކޮލަމްބޯ އިން ނިއު ދިއްލީ އަށް ކަމަށެވެ. ބޯޓުގައި މުޅިން ވެސް ތިބޭނީ އަންހެން ކްރޫން ކަމަށް ވަނީ ބުނެފަ އެވެ.

ސްރީ ލަންކާގައި ހުންނަ އެއާ އިންޑިއާގެ އޮފީހުން ވެސް ދަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަ ކުރަމުންނެވެ. ކޮލަމްބޯގައި ހުންނަ އެއާ އިންޑިއާގެ އޮފީހުގެ އިސް މަގާމުތަކުގައި ތިބެނީ މުޅިން ވެސް އަންހެނުންނެވެ. އެއާ އިންޑިއާ އޮފީހުން ކޮލަމްބޯގައި ބާއްވާ ހަރަކާތުގައި ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އިސް ފަރާތްތައް ބައިވެރިވާނެ އެވެ.