ކެންޑީގައި ހިންގި ކާފިއު އަށް ލުއިތަކެއް ދީފި

ކޮލަމްބޯ (މާޗް 8) - ސްރީ ލަންކާގެ ކެންޑީގައި ހިންގި ކާފިއު އަށް ދުވާލު ވަގުތުތަކުގައި ލުއިތަކެއް ދީފި އެވެ.


މުސްލިމުންނަށް އަމާޒުކޮށް ބުޑިސްޓުންނަށް ދޭ ހަމަލާތަކާ ގުޅިގެން ކެންޑީ އަށް ވަނީ އިތުރު ސިފައިން ފޮނުވާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ކެންޑީގެ ސްކޫލްތައް މިއަދު ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މުސްލިމުންނާ މެދު ރުޅިވެރިކަން އުފައްދާތީ ލަންކާގައި އިއްޔެ އިން ފެށިގެން ވަނީ ފޭސްބުކާއި ވައިބާ އަދި ވަޓްސްއަޕް ތިން ދުވަހަށް މެދުކަނޑާލައިފަ އެވެ.

ކެންޑީގައި 24 ގަޑިއިރުގެ ކާފިއު އިއުލާން ކުރީ ހޯމަ ދުވަހު އެވެ. ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ކެންޑީގައި މިހާރު ދުވާލުގެ ވަގުތުތަކުގައި ހަ ގަޑިއިރަށް ކާފިއު އުވާލާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ މުޅި ގައުމުގައި 10 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އަންގާރަ ދުވަހު އިއުލާންކޮށްފަ އެވެ. ކެންޑީގައި ކާފިއު އިއުލާންކުރި ނަމަވެސް ބުޑިސްޓުން ވަނީ ފުލުހުންނާ ކުރިމަތިލުންތައް ހިންގައިފަ އެވެ.

ހަމަނުޖެހުންތަކުގައި ވަނީ މުސްލިމުންގެ 200 އަށް ވުރެ ގިނަ ފިހާރަތަކާއި ގެތަކާއި ވެހިކަލް އަދި މިސްކިތްތަކަށް ގެއްލުންދީފަ އެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ އިއްޔެ ވަނީ ކެންޑީ އަށް ވަޑައިގެންފަ އެވެ. އަދި ހަމަނުޖެހުންހިންގާ މީހުންނާ ދެކޮޅަށް ހަރުކަށިކަމާ އެކު ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.