ޗައިނާގެ ރައީސް އަށް ވެރިކަމުގައި އުމުރަށް ހުރެވޭ ގޮތް ހަދައިފި

ބެއިޖިން (މާޗް 11) - ރިޔާސީ ޓާމް އުވާލަން ޗައިނާގެ ޕާލަމެންޓުން މިއަދު ފާސްކޮށްފި އެވެ.


ޕާލަމެންޓުގެ މި ނިންމުމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޗިންޕިން އަށް މުޅި އުމުރަށް ވެރިކަމުގައި ހުންނެވޭނެ އެވެ. ޝީ ޖިންޕިން ޗައިނާގެ ރައީސް ކަމަށް ވަޑައިގެންނެވީ މާޗް، 2013 ގަ އެވެ. މިހާރު އޮންނަ ސިސްޓަމުގެ ދަށުން 2023 ވަނަ އަހަރަށް ފަހު ޝީ ޖިންޕިން މަގާމުން ދުރުވެވަޑައިގަންނަވަން ޖެހޭނެ އެވެ. ނަމަވެސް ޕާލަމެންޓުން މިއަދު ފާސްކުރި ގާނޫނަށް ފަހު ވެރިކަމުގައި ހުންނެވުމަށް ޝީ ޖިންޕިން އަށް ވަކި މުއްދަތެއް ނެތެވެ.

ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގައި ނެގި ވޯޓުގައި 3،000 މަންދޫބުންގެ ތެރޭން 2،964 މަންދޫބުން ވަނީ ވެރިކަމުގެ ދައުރު އުވާލަން ވޯޓުދީފަ އެވެ. ދެކޮޅަށް ވޯޓު ދިނީ ދެ މެންބަރެކެވެ. ވަކިކޮޅަކަށް ވޯޓު ނުދެނީ އެއް މެންބަރެވެ. މިއީ ވޭތުވެދިޔަ 14 އަހަރު ދުވަހު ތެރޭ ޗައިނާގެ ގާނޫނު އަސާސީ އަށް ގެންނަ ފުރަތަމަ ބަދަލެވެ.

ޗައިނާގެ ވެރިކަމަށް ޝީ،64، ވަޑައިގަތުމަށް ފަހު ވަނީ ވެރިކަމުގެ ބާރުތައް އިތުރަށް ހޯއްދަވަން ފައްޓަވައިފަ އެވެ. ވެރިކަމުގެ ޓާމް އުވާލަން ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ހުށަހެޅީ ފެބްރުއަރީ މަހު އެވެ. ކޮމިއުނިސްޓް ޕާޓީގެ ހުށަހެޅުމަކާ ދެކޮޅަށް ޗައިނާގެ ޕާލަމެންޓުން މީގެ ކުރިން ވޯޓުދީފައެއް ނުވެ އެވެ.

ވެރިކަމުގެ ދައުރު އެކަކަށް 10 އަހަރަށް ލިމިޓް ކުރުމުގެ އުސޫލު ތައާރަފް ކުރީ 1990 ގެ އަހަރުތަކުގަ އެވެ. ޝީ ޖިންޕިންގެ ކުރިން ވެރިކަން ކުރެއްވި ދެ ބޭފުޅުން ވެސް ވަނީ އެ އުސޫލަށް ތަބާވެވަޑައިގެންފަ އެވެ.