ސައުދީގައި އެންޓި-ކޮރަޕްޝަނާ ބެހޭ ޔުނިޓްތަކެއް އުފައްދަނީ

ރިޔާޒް (މާޗް 12) - ސައުދީ އަރަބިއާގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުގައި އެންޓި-ކޮރަޕްޝަން ޔުނިޓްތަކެއް އުފެއްދުމަށް ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަންގަވައިފި އެވެ.


އެޓާނީ ޖެނެރަލް ޝެއިޚް ސައުދު އަލް މުޖީބު ވިދާޅުވީ އެންޓި-ކޮރަޕްޝަން ޔުނިޓްތަކެއް އުފައްދަނީ ކޮރަޕްޝަނާ ދެކޮޅަށް މިހާރު ފަށާފައިވާ މަސައްކަތް އިތުރަށް ހަލުވި ކުރަން ކަމަށެވެ. އަލަށް އުފައްދާ ޔުނިޓްތަކުން ކުރިއަށް ގެންދާނީ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވުމެވެ.

ސައުދީގައި އެންޓި ކޮރަޕްޝަން ޔުނިޓްތަކެއް އުފައްދާ އިރު މިދިޔަ ނޮވެމްބަރު މަހު ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި އެ ގައުމުގެ މަޝްހޫރު ބިލިއަނަރުންތަކެއް ހައްޔަރުކޮށްފަ އެވެ. ސައުދީ އެންޓި-ކޮރަޕްޝަން އެޖެންސީގެ ވެރިއަކީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ބައެއް މީހުން ހައްޔަރުކޮށް، މުދާތައް ހިފަހައްޓަނީ ވަލީ އަހުދުގެ ބާރު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ.

އެޓާނީ ޖެނެރަލް މުޖީބު ކުރިން ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކުރި މީހުންގެ އަތުން ސަރުކާރަށް 107 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.