ކަފާލާތުގެ ދަށުން ޚާލިދާ ޒިޔާ ޖަލުން ނެރެނީ

ޑާކާ (މާޗް 12) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ފަސް އަހަރަށް ޖަލަށްލާފައިވާ ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ، ކަފާލާތުގެ ދަށުން ޖަލުން ނެރުމުގެ ހުއްދަ ކޯޓުން މިއަދު ދީފައިވާ ކަމަށް އެ ކަމަނާގެ ވަކީލް ވިދާޅުވެއްޖެ އެވެ.


ބަންގްލަދޭޝްގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރެއްވި ޒިޔާ، 72، ގެ މައްޗަށް މިދިޔަ މަހު ހުކުމްކޮށްފައި ވަނީ ޔަތީމުޚާނާއަކަށް ކަނޑައެޅި ފައިސާ ނެންގެވި ކަމުގެ ކުށުގަ އެވެ. އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރުގެ މައްޗަށް ވަނީ ޔަތީމް ޚާނާ އިން 252،000 ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކޮށްފަ އެވެ. ޚާލިދާ ވިދާޅުވެފައި ވަނީ މިއީ ސިޔާސީ ގޮތުން އެކަމަނާގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ޚާލިދާ ޒިޔާގެ އިސްތިއުނާފް މަރުހަލާތައް ކުރިއަށް ގެންދަންދެން އެކަމަނާ ވަނީ ޑާކާގެ ޚާއްސަ ޖަލެއްގައި ބަންދުކޮށްފަ އެވެ. ޒިޔާގެ ވަކީލް ޒައިނުލް އާބިދީން ވިދާޅުވީ ކަފާލާތުގެ ދަށުން އެކަމަނާ ޖަލުން މިނިވަންކޮށްފައި ވަނީ ހަތަރު މަސް ދުވަހަށް ކަމަށެވެ.

ޚާލިދާ ޒިޔާގެ މައްޗަށް ފެބްރުއަރީ 8 ވަނަ ދުވަހު ހުކުމްކުރީ ގާނޫނުލް އުގޫބާތުގެ 409 އަދި 109 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލާގައި ހިމެނޭ ޚާލިދާގެ ދަރިކަލުން ތޯރިގް ރަހުމާން އާއި އިތުރު ހަތަރު މީހެއްގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމް އިއްވައިފަ އެވެ.

ސިޔާސީ ދާއިރާ އަށް 1980 ގެ އަހަރުތަކުގެ ތެރޭގައި ޒިޔާ ވެދެވަޑައިގެންނެވީ ފިރިކަލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ޒިޔާގެ ޕާޓީން ވަނީ 2014 ވަނަ އަހަރުގެ އާއްމު އިންތިޚާބު ބޮއިކޮޓްކޮށްފަ އެވެ. ޒިޔާގެ މައްޗަށް ހުކުމްކުރި އިރު ބަންގްލަދޭޝްގައި މި އަހަރު އާއްމު އިންތިޚާބު ބާއްވާނެ އެވެ. ހުކުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެކަމަނާ އަށް ވަނީ ބަންދުވެފަ އެވެ.