ޖާސޫސަށް ވިހަ ދިނީ ކީއްވެކަން ސާފުކޮށްދޭން ރަޝިޔާ އަށް އަންގައިފި

ލަންޑަން (މާޗް 13) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ރަޝިޔާގައި އުފައްދާފައިވާ ނާވް އެޖެންޓެއް ބޭނުންކޮށްފައިވާ ސަބަބު މިއަދުގެ ނިޔަލަށް މޮސްކޯ އިން ސާފުކޮށް ދޭން ޖެހޭނެ ކަމަށް އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވިދާޅުވެއްޖެ އެވެ.


މެއި ވިދާޅުވީ ސެލިސްބަރީގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސްކްރިޕަލް އާއި އޭނާގެ ދަރިފުޅަށް ވިހަ ދިނީ ރަޝިޔާ އިން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަރުކާރުގެ އިމަޖެންސީ ކޮމިޓީ، ކޮބްރާގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްކްރިޕަލް، 66، އާއި ޔުލިއާ، 33، އަށް އަދިވެސް ދަނީ ސެލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ މީހުންގެ ހާލު ސީރިއަސް އެވެ. ސްކްރިޕަލްއާ ފުރަތަމަ އެޓެންޑްވި ފުލުސް މީހާ ނިކް ބެއިލީގެ ހާލު ވެސް ސީރިއަސްވެގެން އޭނާ އަށް ވެސް ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާ މިހާރު ދަނީ އާއިލާއާ ވާހަކަ ދައްކަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން މެއި ވިދާޅުވީ ކުރީގެ ޖާސޫސީ އެޖެންޓަށް ދީފައި ވަނީ ރަޝިޔާގައި އުފައްދާފައިވާ އަސްކަރީ ގްރޭޑުގެ ނާވް އެޖެެންޓެއް ކަމަށްވާ ނޮވިޗޮކް ކަމަށެވެ.

"މިއީ އެއްގޮތަކުން ސީދާ ރަޝިޔާ އިން އިނގިރޭސި ވިލާތާ ދެކޮޅަށް ހިންގާފައިވާ އަމަލެއް. އަނެއްގޮތަކުން މިއީ ނުރައްކާތެރި މާއްދާ އަކަށް ރަޝިޔާ ސަރުކާރުގެ ކޮންޓްރޯލް ގެއްލި އެހެން ބައެއްގެ އަތްމައްޗަށް ގޮސްގެން ހިންގާފައިވާ ކަމެއް،" މެއި ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ފޮރިން އޮފީހުން މިހާރު ވަނީ ރަޝިޔާގެ ސަފީރު ހާޒިރުކޮށް މީގެ ތެރޭން ކޮންތާކުންތޯ ވިހަދީފައި ވަނީ ސާފުކޮށްދިނުމަށް އެދިފައި ކަމަށެވެ. އަދި މިއަދުގެ ނިޔަލަށް ރަޝިޔާ އިން އެކަށީގެންވާ ޖަވާބެއް ނުދީފި ނަމަ އެއީ މޮސްކޯ އިން ގާނޫނާ ޚިލާފަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ނިންމާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ. މެއި ވިދާޅުވީ ވިހަ ދިން ގޮތް ރަޝިޔާ އިން ރަނގަޅަށް ސާފުކޮށް ނުދީފި ނަމަ އެ ގައުމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ޕާލަމެންޓުން މާދަމާ ނިންމާނެ ކަމަށެވެ.

"މިއީ އިނގިރޭސި ވިލާތުގެ އާއްމު ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލި ނުބައި އަމަލެއް،" މެއި ވިދާޅުވި އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަކަރޯވާ ވިދާޅުވީ ޕާލަމެންޓުގައި މެއި ދެއްވި ބަޔާނަކީ "ޗަރުކޭހުގެ ޝޯ"އެއް ކަމަށެވެ.

ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ސެލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގެ ބެންޗެއްގައި ހޭނެތިގެން ވެއްޓިފައި އޮއްވާ ފެނިފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ.

ރިޓަޔާކޮށްފައިވާ ރަޝިޔާގެ ކުރީގެ އިންޓަލިޖެންސް އޮފިސަރު ކާނަލް ސްކްރިޕަލް ވަނީ އިނގިރޭސި ވިލާތުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ރަޝިޔާ އިން 2006 ވަނަ އަހަރު އޭނާ ވަނީ 13 އަހަރަށް ޖަލަށް ލައިފަ އެވެ. އޭނާގެ ކުށަކީ ރަޝިޔާގެ ޖާސޫސީ މައުލޫމާތު އިނގިރޭސި ވިލާތުގެ އިންޓެލިޖެންސް ސާވިސް އަށް ފޯރުކޮށްދިނުމެވެ. އެކަމަކު އެފްބީއައިގެ ބެލުމުގެ ދަށުގައިވާ ރަޝިޔާގެ 10 ޖާސޫސުން މިނިވަންކުރާ މަތިން ރަޝިޔާގެ ޖަލުން ނެރުނު ހަތަރު މީހުންގެ ތެރޭގައި ސްޕްރިކަލް ވެސް ހިމެނެ އެވެ. ވޭތުވެދިޔަ އަށް އަހަރު އޭނާ ދިރިއުޅުނީ އިނގިރޭސި ވިލާތުގަ އެވެ.