ވެއްޓުނު ބޯޓުގެ ޕައިލެޓާއި ހުރިހާ ފަޅުވެރިން ވަނީ މަރުވެފައި

ކަތުމަންޑޫ (މާޗް 13) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް އިއްޔެ ވެއްޓުނު ޔޫއެސް-ބަންގްލާ އެއާލައިނުގެ ޕައިލެޓް އާބިދު ސުލްތާން އާއި އަނެއް ތިން ކްރޫން ވެސް މަރުވެފައިވާ ކަމަށް ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު ބާޖްކުމާރު ޗެތުރީ ވިދާޅުވެއްޖެ އެވެ.


ތިން ފަޅުވެރިންނަކީ ކޯ-ޕައިލެޓް ޕްރިތުލާ ރާޝިދާއި ކެބިން ކްރޫން ކަމަށްވާ ޚުވާޒާ ހުސައިން މުހައްމަދު ޝާފީ އަދި ޝާމިން އަޚްތަރެވެ. ޗެތުރީ ވިދާޅުވީ އެ އެންމެން ވެސް މަރުވެފައި ވަނީ ބޯޓު ވެއްޓުނުތާ މާގިނައިރެއް ނުވަނީސް ކަމަށެވެ. ނަމަވެސް އެ މީހުން މަރުވީ ބޯޓު ވެއްޓުނު ތަނުން ކަމެއް ނުވަތަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ފަހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސީއީއޯ އިމްރާން އާސިފް ވިދާޅުވެފައި ވަނީ އެކްސިޑެންޓުގައި ބޯޓުގެ ޕައިލެޓް އާބިދު ސުލްތާން ވެސް ޒަޚަމްވި ކަމަށާއި އޭނާ އަށް ފަރުވާ ދިން ކަމަށެވެ. އެއާލައިނުން ބުނީ ވެއްޓުނު ބޯޓުގެ ޕައިލެޓަކީ ބޮންޑިއާ ބޯޓުތަކުގެ އިންސްޓްރަކްޓަރެއް ކަމަށެވެ. އެއީ 5،000 އަށް ވުރެ ގިނަ ފްލައިޓް އަވާސްގެ ތަޖްރިބާކާރު ޕައިލެޓެއް ކަމަށް ވެސް އެއާލައިނުން ބުންޏެވެ.

ބޯޓު ވެއްޓުނު ހާދިސާގައި ވަނީ 49 މީހުން މަރުވެފަ އެވެ. ސަލާމަތްވެފައި ވަނީ ނޭޕާލުގެ 11 މީހުންނާއި ބަންގްލަދޭޝްގެ 10 މީހުންނާއި ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ދަރިވަރެކެވެ.

ވެއްޓުނު ކެނެޑާގެ ބޮމްބާޑިއާ ކުންފުނީގެ 76 ގޮނޑީގެ ޑޭޝް 8 ކިޔޫ400 ބޯޓަށް ވަނީ 17 އަހަރުވެފަ އެވެ. ބޯޓު ވެއްޓިފައި ވަނީ ޕައިލެޓާއި ކޮންޓްރޯލް ޓަވަރާ ދެމެދު އެރި ކޮމިއުނިކޭޝަން އޮޅުންތަކެއްގެ ސަބަބުން ކަމަށް ބެލެވޭ އެއާޕޯޓް މެނޭޖަރު ޗެތުރީ ވިދާޅުވި އެވެ.